ޒަރޫރީ ހިދުމަތްތައް ދިނުމަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން، ކޮވިޑް19 އަށް ޕޮޒިޓިވްވާ މިންވަރު ފަހަކަށް އައިސް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ފުރަބަންދަށް ލުއިދިން ފަހުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ބަލިވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިިވާ ކަމަށެވެ.

ފްރޮންޓްލައިން ސްޓާފުންގެ ގޮތުގައި ބަލަނީ ހަމައެކަނި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނެއް ނޫނެވެ. ރައްޔިތުންނަށް ދޭން ޖެހޭ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް، މަސައްކަތަށް ނުކުންނަ އެންމެން ވެސް ބަލަނީ ފްރޮންޓްލައިން ސްޓާފުންގެ ގޮތުގަ އެވެ.

އެގޮތުން ސިފައިންނާ، ފުލުހުންނާ، ޕޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ފެނާއި ކަރަންޓާއި ކުނީގެ ހިދުމަތް ދޭން ނުކުމެ އުޅޭ މީހުން ވެސް ބަލާނީ ފްރަންޓްލައިން ސްޓާފުންގެ ގޮތުގައެވެ.

"ފްރަންޓްލައިނަށް ބަލާއިރު މިހާރު އެބަ ފެނޭ، މިހާތަނަށް ފެނިފައިނުވާ މިންވަރަށް ފްރަންޓްލައިން ކޭސްތައް އިިތުރުވެފައިވާތަން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ފްރަންޓްލައިންގައި އުޅޭ މީހުންގެ އަދަދުތައް މައްޗަށް ދާން ފަށާފައި މިވަނީ ފުރަބަންދަށް ދިން ލުއިތަކުގެ ސަބަބުންނާއި، އަލުން ސަރުކާރު ހުޅުވާލައި، މުވައްޒަފުން މަސައްކަތަށް ނުކުންނަން ފަށާފައި ވާތީ، ބައްޔަށް ހުށަހެޅޭ މިންވަރު އިތުރުވެފައި ވާތީ ކަމަށެވެ.

"އެއީ އެއް ކަމެއް. އަނެއް ކަމަކީ މިދޭ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް، އިރުޝާދުތަކަށް ފުރިހަމައަށް އަމަލުނުކުރެވޭކަން. މީ ވެސް އެއް ކަންތައް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މީގެ އިިތުރުން މިހާރު އެއްވެސް ކޭސްއަކާ ގުޅުން ނެތް ކޭސްތައް ފެންނަ މިންވަރު ވެސް އިތުރުވަމުން އަންނަ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. ޑޮކްޓަރު ވިދާޅުވީ ކޮންމެ ހަފްތާއަކު ފެންނަ ކޭސްތަކުގެ ސަބަބުން "ނޮން ލިންކްޑް" ކޭސްތައް އުޅެނީ 40 ޕަސެންޓުގައި ކަމަށެވެ.