27 Jul 2020, 08:49
އެމެރިކާގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ ރީޖިސް ފިލްބިން އުމުރުން 88 އަހަރުގައި މަރުވެއްޖެ އެވެ.
ފިލްބިންގެ އާއިލާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ހުކުރު ދުވަހުގެ ރޭ ފިލްބިން މަރުވީ ގުދުރަތީ ސަބަބުތަކާ ހެދި އެވެ.
ފިލްބިންގެ މަރާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ. އަދި ޓީވީގައި މަސައްކަތް ކުރި އެންމެ ފާހަގަކޮށްލެވޭ މީހުންގެ ތެރޭގައި ފިލްބިން ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.
ފިލްބިން މަޝްހޫރު ވެގެންދިޔައީ 1988ވަނަ އަހަރު ދައްކަން ފެށި އޭނާގެ ޓޯކް ޝޯ 'ލައިވް! ވިތު ރީޖިސް'އިންނެވެ. އެ ޝޯގައި 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރުމަށް ފަހު އޭނާ ރިޓަޔާ ކުރީ 2011 ވަނަ އަހަރުގަ އެވެ. އެ ޝޯގެ އިތުރުން އޭނާ ވަނީ އެމެރިކާގެ 'ހޫ ވޯންޓްސް ޓު ބީ އަ މިލިޔަނާ' އާއި 'އެމެރިކާސް ގޮޓް ޓެލެންޓް'ގެ ފުރަތަމަ ސީޒަން ހޯސްޓުކޮށްފަ އެވެ.
ޓީވީ ދާއިރާގައި ފިލްބިން ކުރި މަސައްކަތްތައް ފާހަގަކޮށް މީގެ ކުރިން އޭނާއަށް ތިން ޑޭޓައިމް އެމީ އެވޯޑު ދީފައިވެ އެވެ. އޭގެ ތެރޭގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑެއްވެސް ހިމެނެ އެވެ.
މީގެ އިތުރުން ޓީވީ ހޯލް އޮފް ފޭމްގައި 2006 ވަނަ އަހަރު ފިލްބިން ހިމަނާފައިވާ އިރު 2003 ވަނަ އަހަރު އޭނާއަށް ހޯލީވުޑް ވޯކް އޮފް ފޭމް ތަރިއެއް ދީފައިވެ އެވެ.
ފިލްބިން ވަނީ އެމެރިކާގެ ޓީވީތަކުން އޮންއެޔާއިން އެންމެ ގިނަ ވަގުތު ފެނިގެންގޮސްފައިވާ މީހާގެ މަގާމު ގިނެސް ވޯލްޑް ރެކޯޑްސްއިން ހޯދާފަ އެވެ. އެއީ 2011 ވަނަ އަހަރާ ޖެހެންދެން، 52 އަހަރަށް އޭނާ ކުރި މަސައްކަތުގައި 13،746.50 ގަޑި އިރަށެވެ.