ކޮވިޑް19 އަށް ޕޮޒިޓިވްވާ ބައެއް މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާއިރު، އެންމެ ސައްހަ މައުލޫމާތު ނުދޭކަމުގެ ކަންބޮޑުވުން އެޗްއީއޯސީން ފާޅުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންއަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.

އެހެންކަމުން ކޮންޓެކްޓް ޓްރޭސިން ހެދުމަށް ގުޅުމުން، ސައްހަ މައުލޫމާތު ދިނުން ވަރަށް މުހިންމު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތާ މި ތިބެނީކީ އެއްވެސް ބަޔަކު ޖަޖް ކުރާކަށް ނޫން. މީހަކު އުޅުނު ގޮތެއް. ހަމަ އަޅުގަނޑުމެންގެ މަގުސަދަކީ ވީހާވެސް ތަފްސީލުކޮށް އެމީހެއްގެ ކޮންޓެކްޓުވި ފަރާތްތައް ހޯދުން. އެއީ އިތުރަށް އެހެން މީހުންނަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަަޒްލާ ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ ބައެއް މީހުންވެސް، އެމީހުންގެ ކޮންޓެކްޓުންގެ ފުރިހަމަ މައުލޫމާތު ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ފުރިހަމަ މައުލޫމާތު ނުދޭކަން އެނގެނީ، އިތުރު ޕޮޒިޓިވް ކޭސް އެއްގެ ކޮންޓެކްޓް ޓްރޭސިން ހަދާއިރު، ކުރީގެ ޕޮޒިޓިވް ކޭސްއަކާ ގުޅުންހުރިކަން ދެނެގަނެވިގެންކަން ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެހެންވީމަ އެންމެ ފުރަތަމަ ވެސް ފުރިހަމަ މައުލޫމާތު ދެއްވި ނަމަ، އަޅުގަނޑުމެންނަށް އެމީހުން ކަރަންޓީނުކޮށް، ކޮންޓެކްޓުންގެ ގޮތުގައި ރަޖިސްޓްރީކޮށް، ކަރަންޓީނުކޮށް ސާމްޕަލް ނެގުމާ ކަންކަން ކުރިއަށް ދާނެ. އިތުރު މީހުންނަށް އެކްސްޕޯޒް ވުމުގެ ފުރުސަތު ކުޑަވާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން ހުރިހާ އެންމެން ވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަށް ގުޅުމުން އެންމެ ރަނގަޅު، އެންމެ ފުރިހަމަ މައުލޫމާތު ދިނުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.