07 Jan 2012, 17:15
މަގުތަކުގައި ޕާކްކުރުމަށް ފީ ނެގުމުގެ އިހްތިޔާރު ސިޓީ ކައުންސިލަށާއި ރަށު ކައުންސިލްތަކަށް ލިބޭ ގޮތަށް، މިދިޔަ ބުރާސްފަތި ދުވަހު އެއްގަމު އުޅަނދު ގަވާއިދު ގެޒެޓްކޮށް އެއަށް އަމަލުކުރަން ފަށައިފި އެވެ.
ގަވާއިދުގައި ބުނެފައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ޕާކިން ޒޯންތައް ކަނޑައެޅުމުގައި ހިލޭ ޕާކްކުރެވޭނެ ސަރަހައްދުތަކާއި ވަކި ވަގުތުތަކަކަށް ފީ ދައްކައިގެން ޕާކްކުރެވޭނެ ސަރަހައްދުތައް ކަނޑަ އެޅިދާނެ ކަމަށާއި ޕާކް ކުރުމުގެ އަގު ނެގޭނީ ކައުންސިލްތަކުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅައި ފާސްކޮށްގެން ކަމަށެވެ.
ޕާކްކުރުމުގެ ފީ ނެގުމަށް ކަނޑައަޅާ މަގުތަކުގައި، ބަހައްޓާ ސައިކަލާއި އިންޖީނު ލީ ބައިސްކަލާއި ސްކޫޓަރު ފަދަ އުޅަނދުތަކުން ގިނަ ވެގެން ގަޑިއިރަކަށް ދެ ރުފިޔާ ނެގިދާނެ ކަމަށާއި ނުވަ މީހުންގެ ޖާގަ ހުންނަ ވެހިކަލުން ގަޑިއިރަކަށް ފަސް ރުފިޔާ އަދި 20 މީހުންގެ ޖާގަ ހުންނަ ވެހިކަލަކުން ގަޑިއިރަކަށް 15ރ. ނެގިދާނެ ކަމަށް ބުނެ އެވެ.
އާ ގަވާއިދުގައިވާ ގޮތުން 20 މީހުންނަށް ވުރެ އިތުރަށް އުފުލޭ ވެހިކަލްތައް ޕާކްކުރުމަށް ގަޑިއިރަކަށް 25ރ. އަދި އެއް ޓަނަށް ވުރެ މަދުން މުދާ އުފެލޭ އެއްގަމު އުޅަނދުން ގަޑިއިރަކަށް 15ރ. ނެގިދާނެ އެވެ. އެއް ޓަނަށް ވުރެ ގިނައިން އުފުލޭ ވެހިކަލްތަކުން 25ރ. ނެގޭއިރު ވީއައި އަދި ޑީއޯ ގިންތީގެ އުޅަނދަށް ގަޑިއިރަކަށް ގިނަ ވެގެން 50ރ. ނެގިދާނެ އެވެ.
ސާދަ މާއްދާ ހިމެނޭ ގަވައިދުގައި ޕާކްކުރަން އަގު ނަގަން އިސްކަން ދޭން ޖެހޭނީ ގިނަ ބަޔަކު ހިދުމަތް ހޯދުމަށް ދާން ޖެހޭ ސަރަހައްދުތަކުން ކަމަށް ބުނެފައިވާއިރު ޕާކްކުރުމުގެ ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ފުރަތަމަ ޖޫރިމަނާ އަކީ 250ރ. އެވެ. ދެ ވަނަ ފަހަރަށް ޖޫރިމަނާއަށް 500ރ. ދައްކަން ޖެހޭއިރު ތިން ވަނަ ފަހަރު 750ރ. އަށް ޖޫރިމަނާ ކުރާނެ ކަމަށް ބުނެ އެވެ. އަދި ޕާކިން ޒޯން ކަނޑައެޅުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދުއްވާ އުޅަނދު ތަކާއި ދައުލަތުގެ ބޭނުންތަކަށް ހާއްސަކޮށްފައިވާ އުޅަނދުތައް ޕާކްކުރެވޭ ގޮތަށް ޕާކިން ޒޯން ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ބުނެ އެވެ.
ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ތަތް ކުރުމުގެ އިހުތިޔާރު ޓްރާންސްޕޯޓްގެ އިތުރުން ފުލުހުންނާއި ކައުންސިލްތަކަށް ދީފައިވާއިރު ވެހިކަލްތަކުގައި ތަޅު އެޅުމުގެ ބާރު ދީފައިވަނީ ސްޓިކާ ހިއްޕިވަގުތުން ފެށިގެން 24 ގަޑިއިރުތެރޭގައި އެ ވެހިކަލެއް ނުނަގައިފި ނަމައެވެ. ވެހިކަލް ތަޅު އެޅުވުމަށް ފަހު އެފަދަ ވެހިކަލްތައް ކައުންސިލުން ނުވަތަ ފުލުހުން ބޭނުންވާ ތަނަކަށް ގެންދެވޭނެ ކަމަށް ވެސް ބުނެ އެވެ.
މާލޭ ސިޓީކައުންސިލްގެ މެންބަރު މުހައްމަދު ފަލާހު މިއަދު ވިދާޅުވި ޓްރާންސްޕޯޓުން ނެރުނު ގަވާއިދަށް މާލޭސިޓީ ކައުންސިލުން އަމަލު ކުރާނީ ސިޓީ ކައުންސިލުން އިތުރު ގަވައިދެއް ހެދުމަށް ފަހު ކަމަށެވެ.