މިއަދު ރާއްޖެއިން ކޮވިޑް19 އަށް އިތުރު 50 މީހަކު ޕޮޒިޓިވްވެފައި ވާއިިރު، މިއަދު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 34 ދިވެހީންނާއި، 14 ބަންގްލަދޭޝް މީހުންނާއި، އިންޑިއާ ދެމީހެކެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ 3،302 އަށް އަރައިފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 2.534 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ނަމަވެސް މިއަދު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައެއް ނުވެއެވެ.

މިހާތަނަށް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 15 އެވެ.

ރާއްޖޭގައި ކޮވިޑަށް ޓެސްޓުކުރުމަށް މިހާތަނަށް 72،961 ސާމްޕަލް ވަނީ ނަގައިފައެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 738 މީހަކު ތިބިއިރު، އައިސޮލޭޝަންގައި 574 މީހަކު އެބަތިއްބެވެ.

މިއަދު 50 ކޭސް ރާއްޖެއިން ފެނުނު އިރު އިއްޔެ 77 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން 1،579 ދިވެއްސަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.