ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާއެއްގެ ޝަރީއަތް މާދަމާ ބާއްވަން ޝެޑިއުލްކޮށްފި އެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވަން ތާވަލްކޮށްފައި ވަނީ މާދަމާ 10:00 އަށެވެ. މާދަމާ ބާއްވަނީ ނާޒިމަށް ދައުވާ ލިބޭ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެކެވެ. އެއީ ކޮން މައްސަލައެއްކަމެއް ސާފެއް ނުވެއެވެ. ނަމަވެސް މާދަމާ ބާއްވަނީ އޮކްޓޯބަރު 24 ،2010 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ނާޒިމްގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ފަހުން ބާއްވާފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީން ގަތް ބަނދަރު ބައްތިތަކެއްގެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެވެ. އެއީ އޮކްޓޯބަރު 13، 2011 ގައެވެ.

ނާޒިމްގެ މައްސަލައެއް މާދަމާއަށް ތާވަލްކޮށްފައި ވަނީ ނާޒިމްގެ މައްސަލަތައް ތާވަލް ނުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކޯޓަށް ވަޑައިގެން ތަކުރާރުކޮށް ޝަކުވާ ކުރައްވާފައި ވަނިކޮށެވެ.

އޮކްޓޯބަރު 13، 2011 ގައި ބޭއްވި ކުރީގެ އެޓޯލްސް މިނިސްޓްރީން ގަތް ބަނދަރު ބައްތިތަކެއްގެ މައްސަލައިގައި ނާޒިމްގެ މައްޗަށް ކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ފަރާތުން ވަނީ ހެކީންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އާއި އެކު ހަތް މީހަކު ހުށަހަޅާފަ އެވެ.
އެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެފައި ވަނީ އެ މައްސަލައިގެ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާމެދު ބަހުސް ކުރުމުގެ ފުރުސަތު ނާޒިމަށް ދެއްވާނެ ކަމަށެވެ.

ނާޒިމްގެ މައްޗަށް އެ މައްސަލައިގައި ދައުވާ ކުރަނީ ބަނދަރު ބައްތިތައް ގަތުމަށް އެޓޯލްސް މިނިސްޓްރީން އިއުލާނު ކުރުމުން ޓެކް މީޑިއާ ސާވިސް އާއި ސްޓޭންޑާޑް އިލެކްޓްރިކަލް ވޯކްސް ގެ ނަމުގައި އެ ދެ ކުންފުންޏަށް ނޭނގި ބިޑު ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ.

އެ ބިޑުތައް ހުށަހަޅާފައިވަނީ ނާޒިމްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ ދަށުން ހިންގާ ނަމީރާ އިންޖިނިއަރިން ގެ ތަކެއްޗާއި މުވައްޒަފުން ބޭނުންކޮށްގެން ކަމަށް ވެސް އެ ދައުވާގައި ބުނެފައި ވެއެވެ.

ހިޔާނާތުން އެ ޕްރޮޖެކްޓު ކާމިޔާބުކޮށްފައިވާކަމަށް ބެލެވޭތީ އެ ޕްރޮޖެކްޓުން ލިބުނު 1.9 މިލިއަން ރުފިޔާ ނާޒިމްގެ ފަރާތުން ހޯދުމަށްވެސް ދައުލަތުން އެދިފައި ވެއެވެ.