26 Jul 2020, 14:22
ލަންޑަން (ޖުލައި 26): ރިޔާސީ ދެވަނަ ދައުރެއް ހޯދުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި މަސައްކަތްތައް ނާކާމިޔާބުވެ ހުވަފެންތައް ބިލާހަކަށްވެ ކަންކަން މެނިޕްލޭޓްކޮށް ހީލަތްތައް ހެދުމުގައި ޓްރަމްޕަށް ލިބިވަޑައިގެންނެވި ފުރުސަތުތައް ގެއްލިގެން ހިނގައްޖެކަމަށް ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "ދި އިންޑިޕެންޑެންޓް" އިން ބުނެފިއެވެ.
އެ ނޫހުގައި އެމެރިކާގެ ކަންތައްތަކާބެހޭ ޚާއްސަ ތަޖްރިބާކާރެއް ކަމަށްވާ ޕެޓްރިކް ކޮކްބާން ލިޔުއްވާފައިވާ ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ގާތްގަނޑަކަށް ތިން މަސްދުވަހަށް ވެފައިވާއިރު ޓްރަމަށް ތާއީދުކުރާ ޕޮޕިއުލިސްޓް ފިކުރުގެ މީހުންގެ ތެރޭގައިވެސް އޭނާގެ މަގްބޫލުކަންވަނީ ވަރަށްބޮޑަށް ދަށަށްގޮސްފައެވެ.
ކޮކްބާން ގެ މަޒްމޫނުގައިވާގޮތުން ކޮވިޑް-19 ގެ ކުރިން ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގައިއޮތީ އޭނާގެ ވެރިކަމުގައި އިގްތިސާދު ރަނގަނޅުވެފައި ޓްރަމްޕްގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި މީޑިއާ ކުޅެ މީޑިއާގެ ފަލަ ސުރުޚީ ތަކަށް އަބަދު އަރައި މެނިޕްލޭޓް ކުރުމުގައި ޓްރަމްޕްގެ ކުޅަދާނަކަމުންނެވެ.
މިގޮތުން ޓްރަމްޕަކީ މީޑިއާ ކުރިމަތިލައި ކުޅިބައި އަތުރާލައި އެތަށް ކުޅިއެއް ކުރިޔަށްކުޅެ ކަންކަން މެނިޕްލޭޓް ކުރުމުގައި ލާމަސީލު ބޭފުޅެކެވެ. ސިޔާސީގޮތުން ކުރިޔަށް އެތަށް ކުޅިއެއް ކުޅިކުޅެ ކަންކަން މެނިޕްލޭޓްކުރުމުގައި ޓްރަމްޕް ސިފަވަނީ ޚިޔާލީ ލެޖެންޑްރީ އެއްކަމަށްވާ މަޝްހޫރު ލޭބޯ ޑްރެކިއުލާ ކައްވަޅުން ނުކުންނަ ގޮތްކަމަށާ ނަމަވެސް ކޮވިޑް-19 އާއެކު އެމެރިކާގެ އިގްތިސާދު އިނދަޖެހެމުންދާއިރު ޓްރަމްޕަށް އެހާލަތު މުޅިން ގެއްލި ކުޅޭނެ ކުޅި މުޅިން ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ކަމަށް ކޮކްބާން ވިދާޅުވެފައިވެއެވެ.
އެއްއިރެއްގައިވެސް އެމެރިކާގެ ރައްޔިތުންގެ ތެރެއިން ސައެންޓިފިކް ހަގީގަތްތައް ގަބޫލުކުރާ ހަމަވިސްނޭ މީހުންނާއި މެދުމިނުގެ ވިސްނުން ގެންގުޅޭ މީހުންނާއި ތިމާވެއްޓަށް ލޯބިކުރާ މީހުންނާއި ތަންދޮރު ދަންނަމީހުންނާއި ވާތުފިޔައިގެ މީހުން ޓްރަމްޕަށް ތާއީދެއް ނުކުރެއެވެ.
ކޮކްބާން ލިޔުއްވާފައިވާ ގޮތުން ޓްރަމްޕަށް އާންމުގޮތެއްގައި ތާއީދުކުރަނީ ސައެންޓިފުކް ހަގީގަތްތައް ގަބޫލުނުކުރާ މީހުންނާއި ހަރުކަށި ޕޮޕިއުލިސްޓް ފިކުރުގެ މީހުންނާއި ކަނާތުފިޔައިގެ މީހުންނެވެ. މިއީ އެމެރިކާގައި މަދުބައެއް ނޫނެވެ. އަދި ޓްރަމްޕްގެ ވެރިކަމުގެ ކުރީކޮޅާއި މެދުތެރޭގައި އެމެރިކާގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަނޅު ވުމުން ވަކިޕާޓީއަކަށް ނިސްބަތްނުވާ މަސްހުނި ފިކުރުތަކުގެ ބައެއް މީހުންނާއި އިގްތިސާދީ ތަނަވަސްކަމާއި ވަޒީފާ ނޫންއެހެންކަންކަމަށް އަޅާނުލާ ގިނަބަޔަކު ޓްރަމްޕަށް ތާއީދުކުރިއެވެ.
ޓްރަމްޕްގެ ސަޕޯޓް ބޭސް ބިނާވެފައިވަނީ މި ފަންތިތަކުގެ މީހުންގެ މައްޗަށްކަމަށްވާއިރު އެމީހުންގެ ތާއީދު ޓްރަމްޕަށް ކުޑަވެ ޓްރަމްޕްގެ ސިޔާސީ ހަޔާތް މުޅިން ބަރުބާދުކޮށްލީ މިއަހަރުގެ ކުރިކޮޅު ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އެމެރިކާއަށްވެސް ކުރިމަތި ކޮވިޑް-19 ވަބާއާއެކު އެމެރިކާގެ އިގްތިސާދު ހީނަރުވެ ތިރީހަކަށް މިލިޔަން މީހުންގެ ވަޒީފާ ގެއްލި އާންމުންގެ ގިނަބައެއްގެ ދިރިއުޅުގެ ހާލަތު ދަށަށް ދިޔުމުންކަމަށް ކޮކްބާން ލިޔުއްވާފައިވެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމާއި އެވަބާއިން އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރުމުގައި ޓްރަމްޕްގެ ސަރުކާރުވަނީ މުޅިން ކަހަލަ ގޮތަކަށް ނާކާމިޔާބުވެފައެވެ. ކޮވިޑާއެކު ހުއްޓުމަކަށް ގެނައި އެމެރިކާގެ އިގްތިސާދީ ހަރަކާތްތައް އަލުން ފެށުމަށް ޓްރަމްޕް އިންތިހާއަށް މަސައްކަތް ކުރެއްވި ނަމަވެސް އަދިދަނީ އެކަން ނާކާމިޔާބުވަމުންނެވެ. ސަބަބަކީ ކޮވިޑް-19 ކޮންޓްރޯލް ވުމުގެ ބަދަލުގައި އެރޯގާ ކުރިޔަށްވުރެވެސް ބާރަށް އެމެރިކާގައި ފެތުރެމުންދާތީއެވެ. އަދި ކުންފުނިތަކުން ވަޒީފާއަށް ނުކުތުމަށް މުވައްޒަފުންނަށް އެންގި ނަމަވެސް ގިނަބަޔަކު ކޮވިޑަށް ބިރުން ވަޒީފާއަށް ނުނިކުތުމާއި ނުކުންނަ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ކޮވިޑް-19 ރޯގާ ޖެހެމުންދާތީއެވެ.
ކޮވިޑްގެ ކުރިން ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގެ އާންމުންގެ މެދުގައި ބޮޑުނަމަވެސް ކޮވިޑްގެ ޝިކާރައަކަށް އެމެރިކާ ވުމަށްފަހު އެމެރިކާގައި ނަގަމުންދާ ޚިޔާލު ހޯދުންތަކުގެ ވޯޓުތަކާއި ސާވޭތަކަށް ބަލާއިރު ޓްރަމްޕްގެ މަގްބޫލުކަން ދުވަހެއް ދުވަހަކަށްދަނީ ވަރަށް ބޮޑަށް ދަށަށްކަންދަނީ ހާމަވަމުންނެވެ. މިގޮތުން ޓްރަމްޕްގެ ވާދަވެރިޔާ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން އާ އަޅާބަލާއިރު ޓްރަމްޕްގެ މަގްބޫލުކަން މިހާރުވަނީ 14 ޕޮއިންޓް ފަހަތުގައެވެ.
އެމެރިކާގައި ކޮވިޑްގެ ހާލަތު ދުވަހެއް ދުވަހަކަށް އަދިވެސް ގޯސްވަމުންދާތީއާއި ކުރިޔަށްއޮތް 3 މަސްތެރޭގައިވެސް މިތަފާތު ކުޑަކުރެވޭ ވަރުގެ އިގްތިސާދީ ގޮތުން ހަރުދަނާ ކަންތައްތަކެއް ޓްރަމްޕަށް ނުކުރެއްވޭނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު ރިޔާސީ ދެވަނަ ދައުރެއް ޓްރަމްޕަށް ކާމިޔާބު ނުކުރެއްވޭނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާ ކަމަށް ކޮކްބާން ލިޔުއްވާފައިވެއެވެ.
އަދި މިފަހަކަށް އައިސް އެމެރިކާގެ މާބޮޑު ދުޝްމަނެއްގެ ގޮތުގައި ޓްރަމްޕާއި އޭނާގެ ޓީމުން ޗައިނާ ދައްކަނީވެސް ރިޔާސީ ކޭންޕޭންގައި ދައްކާނެ ހުއްޖަތްތައް މުޅިން ހުސްވެ ޗައިނާ ދުޝްމަނެއްގެ ގޮތުގައި ނަގައިގެން ކާމިޔާބެއް ހޯދިދާނެކަމުގެ އުންމީދެއްގައި ކަމަށްވެސް ކޮކްބާން ލިޔުއްވާފައިވެއެވެ. (ދި އިންޑިޕެންޑެންޓް)