26 Jul 2020, 12:29
ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު އަޑި އަޅާލައި ފަތުރުވެރިކަން ހުއްޓުނު ނަމަވެސް އުންމީދު ކުރަނީ މި އަހަރު ފަހުކޮޅު އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އައިސް ފަތުރުވެރިކަން ވެސް ރަނގަޅުވެގެން ދިއުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސްބަތުގައި މިއަދު ދެއްވި ހިތާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮވިޑް-19 ބަލިމަޑުކަމުގެ އަސަރު ކުރަނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަށް އެކަނި ނޫން ކަމަށާއި، މުޅި އިގްތިސޯދު ވެސް ކަރުތާފެނަށް ގަންބާލައިފި ކަމަށެވެ.
"ކޮވިޑް-19 ގާދޫކޮލުން އެތެރެވެ އަޅުގަނޑުމެންގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވި. އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްފި. ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިއްޖެ. ވިޔަފާރިތައް ބަނގުރޫޓުކޮށް ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފި. އިމްޕޯޓް އެކްސްޕޯރޓަށް ބުރޫ އަރުވައި، ރާއްޖޭގެ މުޅި އިޤްތިޞާދު ކަރުތާފެނަށް ގަންބާލައިފި،" ރައީސް ވިދާޅުވި އެވެ.
ކޮވިޑް-19އިގެ ސަބަބުން ބޯޑަރު ބަންދުކުރި ނަމަވެސް ތިން މަސް ދުވަސް ފަހުން އެއާޕޯޓް އަލުން ހުޅުވާލާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް އިގްތިސާދީ ގޮތުން އަދި އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރުގެ ފަހުކޮޅަށް ދާއިރު ފަތުރުވެރިކަން ރަނގަޅުވެ، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައުން،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ގައުމެއްކަމުގެ އިތުބާރާއި ޔަގީންކަން، ބޭރު ދުނިޔެއަށް ލިބިގެން ނޫނީ، އެ އުންމީދު ހާސިލެއް ނުވާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ އިތުބާރު ލިބޭނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް ޢަމަލުކޮށް، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް، އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.
"މި ހާލަތަށް ގައުމު ގޮސްފައިވާ ދުވަސްވަރެއްގައި މިނިވަން ދުވަސް ފާހަގަކުރާއިރު އަޅުގަނޑުގެ ވިސްނުމަށް އަންނަނީ ގައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަން. އެކަމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަކަމާއި ވާންޖެހިފައިވާ ގުރްބާނީގެ މަތިވެރިކަން،" ރައީސް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުން ކަމަށެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު 300،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެ އެވެ.
މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑުރަ ހުޅުވާލައި ފަތުރުވެރިކަން އަލުން ފަށާފައިވާއިރު 10 ދުވަސްތެރޭ ރާއްޖެ އައިސްފައިވަނީ 904 ފަތުރުވެރިންނެވެ.