އައްޑު އަތޮޅުގެ ވިލިނގިލީ ރިސޯޓުގެ ކައިރީގައި އޮންނަ މުލިކެޑެ ފަރަށް އުރުނު ތައިލޭންޑްގެ "އެމެރަލްޑް ރީފާ" އެއް މަސް ދުވަށް ވުރެ ގިނަ ދުވަހު ފަރުމަތީގައި ހުރުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުން ފަރަށް ލިބި އެ ސަރަހައްދުގެ ތިމާވެއްޓަށް ނުރަނގަޅު އަސަރު ކޮއްފައިވާ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖޭންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މިދިޔަ ހަފުތާގައި ބޯޓް ފުން ކުރުމުން އެމްއެންޑީއެފްގެ އެހީއާއެކު އީޕީއޭ އެ ސަރަހައްދަށް ބަލާފައިވާ ކަމަށާއި ބޯޓް އުރިފައި ހުރި ސަރަހައްދުގެ ފުޅާމިނުން 73 މީޓަރު އަދި ދިގުމިނަށް 100 މީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ފަރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގާތައް ހަލާކުވެ މުގުރި ފަރުގެ ފްރޭމްވޯކަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ.

"ބޯޓް އުރިފައި ހުރި ސަރަހައްދުގެ އެތަން މިތަން ހަލާކުވެފަ ހުރީ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯޓް ފުންކުރަން ބޭނުންކުރި ބައެއް އާލާތްތައް ވެސް ފަރުމައްޗަށް ދޫކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި ބޯޓް ފުންކުރަން ބޭނުންކޮށްފައިވާ ވައިރުތަކާއި ނަގިލި ވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ބޯޓާމެދު ގާނުނީ ގޮތުން އަޅާނެ ފިޔަވަޅެއް އީޕީއޭއިން ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.

ތައިލެންޑްގެ "އެމެރަލްޑް ރީފާ" ޝަންގްރިއްލާ ވިލިނގި ކައިރީ މުލިކެޑެ ފަރަށް އަރާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެމެރަލް ރީފާއަކީ ރާއްޖެ އިން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރާ ބޯޓެކެވެ.