25 Jul 2020, 23:53
ކޮވިޑް19އިން އަރައިގަތުމަށާއި ރާއްޖޭގެ އިގްތިސާދަށް އެހީވުމަށްޓަކައި އިންޑިއާއިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިއުލާނުކޮށްފި އެވެ.
މިކަން އިއުލާނުކުރީ ރާއްޖޭގެ މިނިވަން ދުވަހުގެ މުސާނަބަތުގައި އިންޑިއާގެ ހައިކޮމިޝަނުން ފޮނުވި މެސެޖުގަ އެވެ.
އެ މެސެޖުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ކޮވިޑްގެ މި ދަތި ދުވަސްވަރުގައި އިންޑިއާއިން މެޑިކަލް ޓީމުތަކާއި، ބޭހާއި ކާބޯތަކެތީގެ އިތުރުން މާލީ އެހީގެ ސިފައިގައި އެތައް ގޮތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ލިކުއިޑިޓީގެ ދަތިކަން ހައްލުކޮށްދޭން ރާއްޖެއާއި އިންޑިއާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އަވަސް މުސްތަގްބަލެއްގައި ފައިސާގެ އެހީތެރިކަމުގެ މިފަދަ އިތުރު ޕެކޭޖެއް އިއުލާނުކުރާނެ ކަމަށް ސަފީރު ވިދާޅުވި އެވެ. މި ޕެކޭޖަކީ ކޮވިޑަށްފަހު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދޭ ޕެކޭޖެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސަފީރުގެ މެސެޖުގައި ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރިކްބާދީ ފޮނުއްވާފައިވެ އެވެ. މިއަހަރު ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން އިންޑިއަން ހައި ކޮމިޝަނުން ދެ ގައުމުގެ ބަދަހި ގުޅުން ދައްކުވައިދޭ ފޮޓޯ މައުރަޒެއް ހުޅުވާލަން ވަނީ ރާވާފަ އެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ ވެސް ރާއްޖެ މިނިވަންވި އަހަރުގަ އެވެ.