އާންމުންގެ ލޯބި ހޯދާފައިވާ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ އެންމެ ފަހު ފެނިލުން ހިމެނޭ ފިލްމު "ދިލް ބޭޗާރާ" ރެކޯޑުތައް މުގުރަން ފަށައިފި އެވެ.

ސުޝާންތު މަރުވިއިރު ރިލީޒްނުކުރާ އޮތީ "ދިލް ބޭޗާރާ" އެކަންޏެވެ. އޭނާގެ ފޭނުން ނިންމީ ސުޝާންތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ދިލް ބޭޗާރާ ހިޓަކަށް ހެދުމަށެވެ. އެންމެ ބޮޑު އާމްދަނީ ހޯދާ ފިލްމަށް ދިލް ބޭޗާރާ ހެދުމަށް ފޭނުން ނިންމި އެވެ. ނަމަވެސް ސިނަމާތަކުގައި ފިލްމު ރިލީޒްނުކުރާނެކަން ޑައިރެކްޓަރު މުކޭޝް ޗާބްރާ އިއުލާންކުރުމުން ސުޝާންތުގެ ފޭނުން މާޔޫސްވި ނަމަވެސް ފޭނުން ނިންމީ ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރާ އެންމެ ވަރުގަދަ ފިލްމަށް ދިލް ބޭޗާރާ ހެދުމަށެވެ. އެކަން ހަމަ ރަނގަޅަށް ވެސް ކާމިޔާބުކޮށްފި އެވެ.

އެ ފިލްމު ރިލީޒްކުރިތާ 24 ގަޑިއިރު ނުވަނީސް ވަނީ 75 މިލިއަން ވިއުސް ހޯދާފައެވެ. އެއާއެކު އެ ފިލްމު ވެފައިވަނީ ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އިންޑިއާގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމަށް ވެފައެވެ. އަދި އެ ފިލްމަށް ވަނީ އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމުގެ ލަގަބު ލިބިފައި ކަމަށް ހޮޓްސްޓާއިން ބުނެއެވެ. ހަމައެއާއެކު އެ ފިލްމަށް ވަނީ އައިއެމްޑީބީގެ ރޭޓިން އިން 10 އަކުން 9.7ގެ ރޭޓިންއެއް ލިބިފައެވެ. އެއާއެކު ސުޝާންތުގެ ފަހު ފިލްމު ވެފައިވަނީ އައިއެމްޑީބީ އިން މިހާތަނަށް އެންމެ ރޭޓިން މަތިކޮށް ލިބުނު ފިލްމަށް ވެފައެވެ. ދެވަނައިގައި އޮތީ 1994 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ. އެ ފިލްމަށް ލިބިފައިވަނީ 9.3 ގެ ރޭޓިން އެކެވެ.

ސަންޖަނާ ސާންގީ އާއި ސުޝާންތު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ހިސާބުން ވެސް އައީ ރެކޯޑުތައް މުގުރަމުންނެވެ. ޔޫޓިއުބްގައި ރިލީޒްކުރި ޓްރެއިލާތަކުގެ ތެރެއިން މުޅި ދުނިޔެއިން ވެސް އެންމެ ގިނަ ލައިކް ލިބުނު ޓްރެއިލާއަށް ދިލް ބޭޗާރާގެ ޓްރެއިލާ ވަނީ ވެފައެވެ.

ދެހާސް ސާދަ ވަނަ އަހަރު ނުކުތް ހޮލީވުޑް ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް"ގެ ހިންދީ ރީމޭކް ދިލް ބޭޗާރާ އަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވަނީ މި ފިލްމަށް ފަސް ތަރިން ހަތަރު ތަރީގެ ރޭޓިންއެއް ދީފައެވެ.