26 Jul 2020, 08:53
އަންކަރާ (ޖުލައި 25) : ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ރައީސް ޑރ. ފާއިޒް އައްސައްރާޖް ތުރުކީއަށް ދަތުރުކުރެއްވި ލީބިޔާގެ ރިޔާސީ މަތިންދާ ބޯޓު ގެއްލިއްޖެކަމަށް ބުނެ ފެތުރުނު ހަބަރުތަކެއް ލީބިޔާއިން ދޮގުކޮށްފި އެވެ.
ލީބިޔާގެ ގައުމީ އެއާލައިންސް ކަމަށްވާ "ލީބިޔަން އަރަބް އެއާލައިންސް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ ބޯޓަކީ އެ އެއާލައިންސް އަށް ނިސްބަތްވާ ބޯޓެއްކަމަށާއި އެބޯޓުގައި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ރައީސް ޑރ. ފާއިޒް އައްސައްރާޖް އާއި ރިޔާސީ މަޖިލީހުގެ ބައެއް މެންބަރުން ތުރުކީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޮނިހިރުދުވަހު ސަލާމަތުން އެނބުރި ގައުމަށް ވަޑައިގެންފައިވާ ކަމަށެވެ.
ޑރ. ސައްރާޖް ދަތުރުކުރެއްވި ރިޔާސީ މަތިންދާބޯޓަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށާއި އެބޯޓު ރާޑަރުން ގެއްލިފައިވެސް ނުވާ ކަމަށް ޓްރިޕޮލީގައި ހުންނަ "ލީބިޔަން އަރަބް އެއާލައިންސް" ގެ ހެޑްކުއާޓަރުން އިން ނެރުނު ބަޔާނެއް ބުނެ އެވެ.
ލީބިޔާގެ ރިޔާސީ މަތިންދާބޯޓު ރާޑަރުން ގެއްލުނު ކަމުގެ ހަބަރު އެންމެ ފުރަތަމަ ފެތުރީ ކޮންފަރާތަކުންކަން ސާފު ނުވި ނަމަވެސް އެ ހަބަރު ބޮޑަށް ފަތުރާފައިވަނީ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާ ލީބިޔާގެ އިދިކޮޅު އަސްކަރީ ލީޑަރު ޖެނެރަލް ހަލީފާ ހަފްތާރަށް ވާގިވެރިވާ މިސްރާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ގެ ހަބަރުފަތުރާ ވަސީލަތްތަކުންނެވެ.

އުރުދުޣާން އިސްތަންބޫލްގައި ޑރ. ސައްރާޖް އާ އިއްޔެ ބައްދަލުކުރައްވަނީ
މިސްރާއި ޔޫއޭއީގެ ހަބަރު ފަތުރާ ވަސީލަތްތައް ބުނިގޮތުގައި ޑރ. ސައްރާޖް އާއި އޭނާގެ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިން ދަތުރުކުރެއްވި ލީބިޔާގެ ރިޔާސީ މަތިންދާބޯޓު ރާޑަރުން ގެއްލުނީ ތުރުކީގެ އިސްތަންބޫލް އިން ލީބިޔާގެ ވެރިރަށް ޓްރިޕޮލީއަށް ދަތުރުކުރަނިކޮށް މެޑިޓަރޭނިޔަން ކަނޑުގެ މަތިން އުދުހެމުން ދަނިކޮށެވެ.
ޑރ. ސައްރާޖް ތުރުކީއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހުކުރުދުވަހު ޑރ. ސައްރާޖް ވަނީ އިސްތަންބޫލުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ބައްދަލުކުރައްވާފަ އެވެ. އޭގެ އިތުރުން ޑރ. ސައްރާޖް ވަނީ ލީބިޔާގެ މައްސަލައާ ބެހޭގޮތުން މަޝްވަރާކުރުމަށް ޓަކައި އުރުދުޣާން ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާންއާއެކު ބޭއްވި ބައްދަލުވުމެއްގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.
އެ ތިން ބޭފުޅުން ބައްދަލުކުރެއްވީ އިސްތަންބޫލްގައި ހުންނަ އިސްލާމީ ތާރީހީ މިސްކިތެއްކަމަށްވާ އަޔާ ސޯފިޔާގައި 86 އަހަރަށްފަހު ނަމާދުކުރަން އަލުން ފެށުމުގެ ގޮތުން އެމިސްކިތުގައި ކުރި ހުކުރު ނަމާދަށްފަހުގަ އެވެ.
ލީބިޔާގައި ވާދަވެރި ދެ ސަރުކާރު އޮންނައިރު އޭގެތެރެއިން އދ. އާއި ދުނިޔޭގެ ގައުމުތަކުން ބަލައިގެންފައިވާ ސަރުކާރަކީ ޑރ. ސައްރާޖް ގެ ޒައާމަތުގައި ޓްރިޕޮލީގައި ގާއިމްކޮށްފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެވެ. ނަމަވެސް އެސަރުކާރު ވައްޓާލުމަށް މަސައްކަތްކުރައްވާ ލީބިޔާގެ އިދިކޮޅު އަސްކަރީ ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރަށް ވާގިވެރިވާ ތިން ގައުމު ކަމަށްވާ މިސްރު، ޔޫއޭއީ އަދި ސައޫދީ އަރަބިޔާއިން ޑރ. ސައްރާޖުގެ ސަރުކާރު ބަލައެއް ނުގަނެ އެވެ. އެތިން ގައުމު ބަލައިގަންނަނީ ހަފްތަރުގެ ކޮންޓްރޯލް ގެ ދަށުގައި ލީބިޔާގެ ތުބްރުގުގައި ގާއިމްކޮށްފައިވާ ސަރުކާރެވެ.
ޑރ. ސައްރާޖް ގެ ސަރުކާރަށް އަސްކަރީ ގޮތުން ވާގިވެރިވާ ގައުމަކީ ތުރުކީ އެވެ. ތުރުކީގެ އިތުރުން ދެން ޑރ. ސައްރާޖް ގެ ސަރުކާރަށް ވާގިވެރިވަނީ ގަލްފުގެ ކުޑަ ގައުމެއް ކަމަށްވާ ގަތަރުންނެވެ. ތުރުކީގެ އަސްކަރީ އެހީތެރިކަމާއެކު ޑރ. ސައްރާޖުގެ ސަރުކާރުން ދާދިފަހުންވަނީ ލީބިޔާގެ ބޮޑު ސަރަހައްދަކުން ޖެނެރަލް ހަފްތަރުގެ ބާރުތައް ފައްސާލައި ލީބިޔާގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ހޯދާފަ އެވެ.
ސައްރާޖްގެ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ތުރުކީގެ އަސްކަރީ ފަންނީ އެހީތެރިކަމާއެކު ލީބިޔާގައި ޕްރޮފެޝަނަލް ސިފައިންގެ ލަޝްކަރެއް ގާއިމް ކުރުމަށެވެ. މިއާއެކު މިސްރުން ވަނީ ލީބިޔާއަށް އަސްކަރީ ގޮތުން ވަންނަންޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. (ނޫސްއެޖެންސީތައް)