07 Jan 2012, 14:36
ހުޅުމާލެއިން ރޭ ހަތަރު ފިހާރައެއް ފަޅައިލައި 12،000 އަށްވުރެ ގިނަ ރުފިޔާ އާއި ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭ "ގްރީން އެން ގްރީން" ފިހާރާ ފަޅާލާފައި ހުއްޓާ ރޭ ފެނުނީ ހުޅުމާލެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ކަމަށެވެ. އަދި ވިދާޅުވީ ދަންވަރު އެ ފިހާރައިގެ ދޮރު ހުޅުވިފައި ހުއްޓާ ފެނުމުން ބެލިއިރު ފިހާރައިގެ ބޮޑު ދޮރު މަތާލައިގެން ހުޅުވާފައިވާ ކަމަށެވެ.
އެމައްސަލައާ ގުޅިގެން ފިހާރައިގެ ވެރިފަރާތާ ސުވާލުކޮށްފައިވާ ކަމަށާއި އެ ފިހާރައިން އެއްވެސް އެއްޗެއް ގެއްލިފައިވާ ކަމުގެ ރިޕޯޓް އަދި ނުލިބޭ ކަމަށް ވެސް ބުންޏެވެ.
ފުލުސް އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި ރޭ ފަޅާލި ދެވަނަ ފިހާރައަކީ "ލޯކަލް ފްރެސް" ކަމަށާއި އެ ފިހާރައިން 12،000ރ. ވަގަށް ނަގާފައިވާ ކަމަށާއި އިތުރު އެއްޗެއް ގެއްލިފައިވާކަން ފިހާރައިގެ ވެރިފަރާތުން ނުބުނާ ކަމަށެވެ.
ދެން ފަޅާލައިފައި ވަނީ ހުޅުމާލޭ އަޒްފާން ޓްރޭޑާސް އެވެ. އެ ފިހާރައިގެ ބޮޑު ދޮރަށް ކަށިގަނޑެއް ލައްވައި ދޮރު މަތައިލައިގެން ވަގުން ވަން ނަމަވެސް އެއްޗެއް ގެންގޮސްފައެއް ނުވެއެވެ.
ހުޅުމާލޭ އީއެލްއެސް ޓްރޭޑާސް ވެސް ރޭ ފަޅައިލި އެވެ. ފުލުހުން ބުނީ އެ ފިހާރައިން މެޝިނެއްގެ ބައިތައް ވަގަށް ނަގާފައިވާ ކަމަށެވެ.
" ހުރިހާ ފިހާރަތަކެއް ވެސް ފަޅާލާފައިވާ ކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތެއްގައި، ފިހާރަތަކަށް ވަދެފައިވަނީ ކަށިގަނޑެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ފިހާރައިގެ ބޮޑު ދޮރު ފަޅާލުމަށްފަހު،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ހަތަރު ފިހާރައިގެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.