26 Jul 2020, 08:46
މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ މަރާ ގުޅިގެން ބަތަލާ ކަންގަނާ ރަނައުތު އާ ސުވާލުކުރުމަށް ފުލުހުން ނިންމާ އޭނާއަށް ނޯޓިސް ދީފި އެވެ.
ބަތަލާ ކަންގަނާ އަކީ ސުޝާންތުގެ ކުއްލި މަރުގެ ޚަބަރު ލިބުމާއެކު ސުޝާންތު އަމިއްލަ އަށް މަރުނުވާނެކަމަށް ބުނެ އެންމެ ގަދައަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ތަރި އެވެ. މިދިޔަ ހަފްތާގައި ރިޕަބްލިކް ޓީވީއަށް ކަންގަނާ ދިން އިންޓަވިއުއެއްގައި ބުނީ ސުޝާންތުގެ މަރާއެކު މުމްބާއީ ފުލުހުން އޭނާއަށް ސުވާލުކުރުމަށް ގުޅި ކަމަށާއި ނަމަވެސް މަނާލީގައި ހުރުމުން މުމްބާއީ ޕޮލިސް ސްޓޭޝަނަށް ހާޒިރުނުވެވުނީ ކަމަށެވެ. އަދި މަނާލީއަށް ފުލުހުންގެ ޓީމެއް ފޮނުވަން އެދުނު ކަމަށްވެސް ކަންގަނާ ބުންޏެވެ. ނަމަވެސް އޭގެ ފަހުން ފުލުހުން އޭނާއަށް ޚަބަރުނުވާކަމަށްވެސް ވަނީ ބުނެފަ އެވެ.
އެ އިންޓަވިއުގައި ކަންގަނާ ވަނީ ބޮލީވުޑްގެ އަޑި ނޭނގޭ ގިނަ ސިއްރުތަކެއް ފަޅާއަރުވާލައި ސުޝާންތުގެ ކެރިއަރަށް ހުރަސް އެޅި އެންމެންގެ ނަންތައްވެސް އާންމުކޮށްފަ އެވެ. އެއާއެކު މުމްބާއީ ފުލުހުން ވަނީ އޭގެ ތެރެއިން ދެ މީހަކާ ސުވާލު ވެސް ކޮށްފަ އެވެ.
ކަންގަނާގެ ފަރާތުން ފުލުހުން ބޭނުންވާ ބައެއް މައުލޫމާތު ހުރުމާއެކު އޭނާގެ ބަޔާން ނެގުމަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ 27 ޖުލައި އާއި 30 ޖުލައި އާ ދެމެދުގެ ދުވަހެއްގަ އެވެ.
އިންޑިއާ ލޮކްޑައުންކޮށްފައިވާ ދުވަސްވަރަކަށް ވެފައި ކަންގަނާ މިދިޔަ މާޗް މަހުން ފެށިގެން މަނާލީގައި ހުރުމާއެކު ފުލުސް އޮފީހަށް ހާޒިރުނުވެވޭނެކަމަށް ބަޔާންކޮށް ކަންގަނާގެ ލޯޔަރު އިޝްކަރަން ބަންޑާރީ ވަނީ ފުލުހުންނަށް ސިޓީއެއް ލިޔެފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ކަންގަނާގެ ފަރާތުން ފުލުހުންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމަށާއި ނަމަވެސް ލޮކްޑައުން އާ ގުޅިގެން މުމްބާއީއަށް އަނބުރާ މިދުވަސްކޮޅު ދެވެން ނެތުމުން ފުލުހުންގެ ޓީމެއް މަނާލީއަށް ފޮނުވުމަށެވެ.
ފުލުހުންގެ ޓީމެއް މަނާލީއަށް ނުފޮނުވޭނެ ނަމަ އިލެކްޓްރޯނިކް ޑިވައިސެއް މެދުވެރިކޮށް ނުވަތަ މެއިލްގެ ޒަރިއްޔާއިން ނަމަވެސް ކަންގަނާގެ ބަޔާން ނެގުމަށް އެދިފައިވާނެ ކަމަށް އިޝްކަރަން ވަނީ ބުނެފައެވެ.
ސުޝާންތުގެ މަރާއެކު 40 އަށްވުރެ ގިނަ މީހުންނަށް ވަނީ މިހާތަނަށް ސުވާލުކޮށްފަ އެވެ.