އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ހުށަހަޅައިދޭ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" އަންނަ މަހު ފަށާނެކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރާ ގޮތުން މެދުކެނޑުމަކަށްފަހު ފަށައި ކަޕިލް ޝަރްމާގެ ޝޯ އަންނަ މަހު ފުރަތަމަ ދުވަހުން ފެށިގެން ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އޯޑިއަންސަކާ ނުލައި ކަޕިލް ޝަރްމާ ޝޯ މިހާރު ޝޫޓްކުރަމުން އަންނައިރު ވީޑިއޯ ކޯލް މެދުވެރިކޮށް އެ ޝޯގެ އޯޑިއަންސްގައި އިނުމުގެ ފުރުސަތު އޮތް ކަމަށްވެސް ޚަބަރުތައް ބުނެ އެވެ. ކޮވިޑާ ގުޅިގެން އެ ޝޯ މެދުކަނޑާލުމަށްފަހު ގެނެސްދޭ އެޕިސޯޑުގައި ހާއްސަ ގެސްޓެއްގެ ގޮތުގައި ބައިވެރިވާނީ އެކްޓަރު ސޯނޫ ސޫދު ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އެ ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ ސޮނީ އިންނެވެ. ދަ ކަޕިލް ޝަރްމާ ޝޯ އެންމެ ފުރަތަމަ ގެނެސްދޭން ފެށީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ.