ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން 'މެންދުރު އޮންލައިން' ވެބްސައިޓުގައި ޝާއިއު ކުރި ރިޕޯޓުގައިވާ މައުލޫމާތު އަނބުރާ ގެންގޮސް އެ ވެބްސައިޓުން ނެރުނު ބަޔާން، އަދިވެސް އެ ވެބްސައިޓުން ނަގާފައި ނުވާތީ ފިޔަވަޅު އަޅައިދިނުމަށް އެދި ކެންޔާގެ އަންހެން މީހާގެ ވަކީލުން ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިފިއެވެ.

ސަފާރީގައި ކެންޔާގެ އަންހެން މީހާ ރޭޕްކޮށްފައިވާ ކަމަށް ބުނެ 'މެންދުރު އޮންލައިން'ގައި މީގެ ކުރިން ލިޔުމެއް ޝާއިއު ކުރިއެވެ. އެ ލިޔުމުގައިވާ ވާހަަކަތަކާ ގުޅިގެން ތަހުގީގީ އިދާރާތަކަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

މިހާރު މެންދުރު އޮންލައިންއިން ވަނީ އެ ލިޔުން ވެބްސައިޓުން ނަގައި މައާފަށް އެދިފައެވެ. މައާފަށް އެދި ނެރުނު ބަޔާނުގައި އެ ވެބްސައިޓުގައި ބުނެފައި ވަނީ އެ މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތަކުން ކުޑައިރުކޮޅެއްވަންދެން ވާހަކަ ދެއްކުމަށްފަހު، އެ ވާހަކަތައް ދައްކަން އުނދަނގޫވާނޭ ކަމަށްބުނެ، ފޯނު ދިނީ ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު އަތަށް ކަމަށެވެ. ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު ދެން ކިޔައިދިނީ އާޒިމާ ކަމަށް އެ އެ ނޫހުން ބުނެފައިވެއެވެ. ނަމަވެސް އާޒިމާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

އެ ކަމާ ގުޅިގެން ކެންޔާގެ އަންހެން މީހާ ތަމްސީލު ކުރާ ލޯ ފާމް ރިޒާ އެންޑް ކޯ އެލްއެލްޕީއިން މި މަހުގެ 23 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކެންޔާގެ އަންހެން މީހާއާ އާޒިމާ ޝަކޫރު ވާހަކަ ދެއްކި ކަމަށް ބުނާ ވާހަކަތަކަކީ ސައްހަ ނޫން ވާހަކަތަކެއް ކަމަށެވެ. އަދި މެންދުރު އޮންލައިންގެ ބަޔާން ވެބްސައިޓުން ނަގަންވެސް އަންގާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެން އެންގި ނަމަވެސް، އަދިވެސް އެ ބަޔާން ނަގާފައި ނުވާތީ އެކަމާ ގުޅިގެން ވީ އެންމެ އަވަހަށް ފިޔަވަޅު އަޅައިދިނުމަށް އެދި މިއަދު ފުލުހުންނަށާއި، މީޑިއާ ކައުންސިލަށާއި، ހޯމް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށް މިއަދު ނެރުނު ބަޔާނެއްގައި ރިޒާ އެންޑް ކޯ އެލްއެލްޕީއިން ވަނީ ބުނެފައެވެ.

މެންދުރު އޮންލައިންއަކީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫހެއް ނޫނެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންވެސް ބުނެފައި ވަނީ މެންދުރު އޮންލައިންގައި ކަން ހިނގި ގޮތް ކަމަށް ބުނާ ގޮތާ ފުލުހުންގެ ހޯދުންތަކާ ފުށޫ އަރާ ކަމަށެވެ.