ސާޅީސް ދުވަހަށް ވުރެ ގިނަ ދުވަހު ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު ހިފަހައްޓައި އުޅުނު އީރާނުގެ މަސް ބޯޓެއް ސަލާމަތްކޮށް އޭގައި ތިބި 13 މީހުން އެމެރިކާގެ ކަނޑުގެ ސިފައިން އިއްޔެ ސަލާމަތްކޮށްފި އެވެ.

އަލްޖަޒީރާއާ ހަވާލާދީ އެމެރިކާގެ އޮފިޝަލުން ވިދާޅުވީ މަނަވަރު، "ޔޫއެސްއެސް ކިޑް" އަށް އީރާނުގެ ބޯޓްގެ ކެޕްޓަން ފޮނުވި ހާލުގައި ޖެހިފައިވާ ކަމުގެ މެސެޖެއް ލިބުނު ކަމަށާއި އެ މެސެޖް ލިބުމުން މަނަވަރުން އީރާނުގެ މަސްބޯޓަށް އެހީވުމަށް މަސައްކަތްކުރި ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ކަނޑުފޭރޭ މީހުން ދިޔައީ އީރާނުގެ ބޯޓްގެ ފަޅުވެރިންނަށް މަޖުބޫރުކޮށް ފޭރުމުގެ އޮޕަރޭޝަންތަކަށް އެމީހުންގެ އެހީތެރިކަން ހޯދަމުންނެވެ.

ކަނޑުފޭރޭމީހުންގެ އަތް ދަށުން ސަލާމަތް ކުރުމަށް ފަހު އެމެރިކާ ސިފައިން އީރާނު މީހުންނަށް ކާނާ އާއި ބޯފެން އަދި ބޭސްފަރުވާ ފޯރުކޮށްދިން ކަމަށާއި އެމީހުން ސަލާމަތްކުރުމުގެ ތެރޭގައި ހައްޔަރުކުރި ފޭރޭމީހުން އެމެރިކާގެ އެހެން މަނަވަރަކަށް ބަދަލުކުރި ކަމަށް ވެސް އެމެރިކާ ސިފައިން ބުނެ އެވެ.