25 Jul 2020, 20:24
އެފްއޭއެމް އިންތިހާބު ހުއްޓުވައިދޭން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އަރިހު އެދުނު އެދުމަކީ ހުތުރު ކަމެއް ކަމަށް ވަންޏާ، މަހްލޫފް އެ ވިދާޅުވީ "ގާނޫނަކަށް ބަލާނެ ކަމެއް ނެތޭ" ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމަށް ފިޔަވަޅު އަޅައިދޭން އާޒިމް ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބަލަމުން އަންނާތީ އެ ކޮމިޓީން ފޮނުވި ސިޓީއެއްގައި ބުނާގޮތަށް ސްޕޯޓްސް މިނިސްޓްރީން ވެސް ވަނީ އެފްއޭއެމް އިންތިހާބު ފަސްކުރަން އެދި އެފްއޭއެމަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަމަކު އެ ގޮތަށް އެކަން އެހެން އޮއްވައި އޭއެފްސީ އާއި ފީފާގެ އެންގުމަށް އެފްއޭއެމުން ވަނީ އިންތިހާބު ބާއްވައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފަ އެވެ.
އެއަށްފަހު ސުވާލު ކުރެއްވުމަށް ވަޒީރުން މަޖިލީހަށް ހާޒިރު ކުރާ އުސޫލުގެ ތެރެއިން، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އެފްއޭއެމް އިންތިހާބު ހުއްޓާލަން އެންގިނަމަ އެއީ ކަނޑައެޅިގެން ގާނޫނާއި ހިލާފަށް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑު ވަރަށް ދެރަވޭ އަޅުގަނޑުމެންގެ [އެމްޑީޕީ]ގެ ޕީޖީ ލީޑަރު އަލީ އާޒިމް މި ކަންތައް މި ކުރައްވާ ގޮތުން. އަޅުގަނޑު ދެރަވާ ސަބަބަކީ އެންމެ ރަނގަޅަށް މިކަން އެނގިވަޑައިގެންހުންނަވާ އަޅުގަނޑު ލައްވައި ވަރަށް ހަޑި ކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.
މަހްލޫފްގެ ވާހަކަތަކަށް ރައްދުދެއްވަމުން އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފްއޭއެމްގެ އިންތިހާބު ހުއްޓުވުމަށް އެދުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. އެ އިންތިޚާބު ހުއްޓުވުމަށް އެދި މަހްލޫފަށް ފޮނުއްވި ސިޓީގެ ކޮޕީތަކާ އެކު އާޒިމް ކުރި ޓްވީޓުގައި ވިދާޅުވީ އެކަމަކީ ހުތުރު ކަމެއް ކަމަށްވާނަމަ މަހްލޫފް އެ ވިދާޅުވަނީ ގާނޫނަށް ކަމޭ ނުހިތާ އެއަށް ބަލާނެ ކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑު ހިންގަންބުނިއްޔާ ބުނި ހުތުރު ކަމަކީ, ނުފޫޒެއް ފޯރުވިއްޔާ ފޯރުވި ނުފޫޒަކީ މި ފެންނަ ސިޓީ. މިސިޓީގައި އެދިފައިވާނީ ދައުލަތް ހިންގަން ވަނީ ލިޔެފައިވާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އަދި ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށޭ. ކުޅިވަރު ވަޒީރު ބުނަނީ ގާނޫނަކަށް ބަލާނެ ކަމެއްނެތޭ،" އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
އެފްއޭއެމްގެ އިންތިހާބަށް ގޮވާލުމުން އެއްވެސް މީހަކު ކުރިމަތިނުލައި އެ އިންތިހާބް ހުއްޓުވުމަށް މިނިސްޓަރުގެ އަރިއުހުގައި ދެންނެވުމަކީ ކަމުދާ ކަމެއް ނޫން ކަން މަހްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ކޮށްފި ނަމަ ރާއްޖޭގެ ފުޓްބޯޅަ ފީފާއިން ސަސްޕެންޑް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.