25 Jul 2020, 19:19
ކ. މާފުށިން ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެ އެވެ.
މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ސަން"އަށް ވިދާޅުވީ މިއީ އެރަށުން މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރު ކަމަށެވެ.
"މާލެއިން މިރަށަށް އައިސް ހޯމް ކަރަންޓީންގައި މަޑުކޮށްގެން ތިބި [މާފުށްޓަށް ނިސްބަތްވާ] އާއިލާއެއްގެ މީހެއް ޕޮޒިޓިވްވީ. އެމީހުންގެ ތެރެއިން އިތުރު މީހަކު ޕޮޒިޓިވް ނުވޭو" އުސްމާން ވިދާޅުވި އެވެ.
އެ މީހާ ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލްގެ ނަތީޖާއިންނެވެ.
އުސްމާން ވިދާޅުވީ ހޯމް ކަރަންޓީންގައި ތިބި އެ އާއިލާގެ ބާކީ ތިބި މީހުންގެ ނަތީޖާ ޕޮޒިޓިވް ނުވި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހުން އިތުރަށް ހޯމް ކަރަންޓީންގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ.
"މިއީ މާފުށިން ފެނުނު ކޮވިޑްގެ ފުރަތަމަ ކޭސްއަށް ވީމާ ހުރިހާ އެންމެންގެ ވެސް ކަންބޮޑުވުންތައް އެބަހުރި. އަޅުގަނޑުމެން އެދެނީ ބަލިމީހާއަށް އަވަސް ޝިފާއަކަށް،" އުސްމާން ވިދާޅުވި އެވެ.