07 Jan 2012, 12:43
ފީފާ ބެލޮން ޑީއޯ ރަސްމިއްޔާތަށް ރެއާލް މެޑްރިޑްގެ ކުޅުންތެރިންނާއި ކޯޗު ނުފޮނުވުމަށް އެކުލަބުން ނިންމައިފި އެވެ. އަންނަ ހޯމަ ދުވަހު ސްވިޒަލޭންޑްގައި ބާއްވާ މި ރަސްމިއްޔާތުގެ ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުން އެންމެ ގާތީ އެންމެ ފަހު ދެއަހަރު ވެސް މިއެވޯޑު ކާމިޔާބު ކުރި ބާސެލޯނާގެ ލިއޮނަލް މެސީ އަށެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް މެސީ އާއި އެކު ބާސާގެ ޒަވީ ހެނާންޑޭޒް އާއި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވާދަކުރެއެވެ. ފީފާގެ އެންމެ މޮޅު ކޯޗުކަމަށް ވާދަކުރަނީ ބާސާގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން އެވެ.
ސްޕެއިންގެ ކޮޕާ ޑެލް ރޭ ގައި އަންނަ އަންގާރަ ދުވަހު މަލާގާ އާއި ދެކޮޅަށް ކުޅޭ މެޗުގެ ސަބަބުން ރެއާލް ގެ އެއްވެސް ކުޅުންތެރިއެއް ފީފާގެ އެވޯޑު ރަސްމިއްޔާތަށް ފޮނުވެން ނެތް ވާހަކަ އެކުލަބުން އަންގާފައި ވެއެވެ. ރޮނާލްޑޯ އަދި މޮރީނިއޯގެ އިތުރުން އަހަރުގެ އެންމެ މޮޅު ޓީމަށް ހޮވޭ ރެއާލްގެ ކުޅުންތެރިން ކަމަށްވާ އިކާ ކަސިޔަސް އަށާއި، ސާޖިއޯ ރަމޯސް އަދި ޒަބީ އަލޮންސޯ އެއް ވެސް މި ރަސްމިއްޔާތަކު ބައިވެރިއެއް ނުވާނެ އެވެ.
"ސްވިޒަލޭންޑްގެ ޒިއުރިކްގައި އޮންނަ ރަސްމިއްޔާތަށް ރެއާލް އިން ދާން ބޭނުންވޭ. އެހެން ނަމަވެސް މެޗުތަކުގެ ޝެޑިއުލް ބަދަލުކުރެވެން ނެތީމާ ރެއާލްގެ ކުޅުންތެރިއަކަށް އެރަސްމިއްޔާތަކު ބައިވެރިވެވޭކަށް ނެތް." ރެއާލްގެ ތަރުޖަމާނަކު ބުންޏެވެ.
އެންމެ ފަހުގެ ފީފާ ބެލޮން ޑީއޯ އެވޯޑު ހާސިލުކުރި ކުޅުންތެރިއަކީ މެސީ އެވެ. މިފަހަރު ވެސް އެ އެވޯޑު ލިބުން އެންމެ ގާތީ ވެސް މެސީ އަށެވެ.