ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިޒާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ބިދޭސީންގެ ތެރެއިން، އެމީހެއްގެ ގައުމަށް އަމިއްލައަށް ފުރައިގެން ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް19 އާގުޅިގެން ބައިނަލްއަގްވާމީ ދަތުރުފަތުރުތަކަށް ވައިގެ ބަނދަރު ހުޅުވާލުމުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިޒާއާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވެފައި ތިބި ކަމަށެވެ.

އެހެންކަމުން އެފަދަ ފަރާތްތަކަށް ފަސޭހަކަމާއެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަމިއްލަ ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، އެއްވެސް ސަބަބަކާއި ހުރެ ރާއްޖެއިން ފުރައިގެން ދިއުމުން މަނާކުރެވިފައި ނުވާނަމަ، 24 ޖުލައި 2020 އިން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެމީހުންނަށް ރާއްޖެއިން ފުރައިގެން ދެވޭނީ، އެކަމަށް އެދޭ ފޯމު (IM07) ފުރިހަމަކޮށް، މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އެކުގައި އެއާޕޯޓް އިމިގްރޭޝަން ހުށަހެޅުމުންނެވެ.

އެ ފޯމު އިމިގްރޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ޕާސްޕޯޓުގެ މުއްދަތު ހަމަވެފަވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަން އިން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށް ކަމަށް ވެސް އިއުލާނުގައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން، ގައުމަށް އަނބުރާ ދާން ބޭނުންވެފައި ތިބި ބިދޭސީންނާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިމެނޭ ގޮތުން، މިހާތަނަށް ސަރުކާރުން ވަނީ 4000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ފުރުވާލައިފައެވެ.