07 Jan 2012, 12:38
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ޗެއާމަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު (ބަލަކް) ރޭ ހޮވިވަޑައިގެންފި އެވެ. ބަލަކް ވަނީ 2009 ވަނަ އަހަރު ނިއުގެ މެނޭޖަރުކަން ވެސް ކޮށްފަ އެވެ
ޒުވާނުންގެ މަރުކަޒުގައި ރޭ ކުރިއަށް ގެންދިޔަ ނިއުގެ އަހަރީ އާންމު ޖަލްސާގައި ކުލަބްގެ ޗެއާމަންގެ މަޤާމަށް ބަލަކް ހޮވި ވަޑައިގަތީ ހިންގާ ކޮމެޓީގެ ވޯޓަކަށް ނުގޮހެވެ. އެއީ ހަމައެކަނި އެމަޤާމަށް ބަލަކް އެކަނި ކުރިމަތި ލައްވާފައި ވަތީއެވެ.
މީގެއިތުރުން ރޭގެ ޖަލްސާގައި ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަބްގެ އެގްޒެކެޓިވް ކޮމެޓީގެ ހަ މަގާމަށް ކުރިމަތިލި ހަ ބޭފުޅުން ވެސް ވަނީ ވޯޓަކަށް ނުގޮސް ހޮވައިފަ އެވެ.
އަސާސީ ގަވައިދު ބުނާގޮތުން އެގްޒެކެޓިވް ކޮމެޓީގެ ހަ ޖާގައަށް ހަ ފަރާތަށްވުރެ ގިނައިން ކުރިމަތިލި ނުލައިފި ނަމަ، ކުރިމަތިލި ހަ ފަރާތް ކޮމެޓީ އަށް ހަމަޖެހުނީ އެވެ.
ނިއުގެ އެގްޒެކެޓިވް ކޮމެޓީގެއަށް ހޮވުނު ހަ މެންބަރުން ނަކީ، އެފްއޭއެމްގެ ޗެއާމަން އަލީ އާޒިމްގެ ކޮއްކޮ، އާދަމް ޒިޔާދާއި، މޯލްޑިވް ސޮކާ އާއި ވަތަނިއްޔާގައި މަސައްކަތް ކުރާ އަޙްމަދު ޒަރީރާއި، ތިންކް އެޑްވަޓައިޒިން ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަދީލް އިސްމާއިލާއި، ޗެއާމަން ކަމަށް ހޮވިވަޑައިގެންނެވި ބަލަކްގެ އަނބިކަނބަލުން އައިޝަތު ލީޝާއާ، ނިއުގެ ލޯގޯ ފަރުމާކުރެއްވުމުގައި އިސްކޮށް އުޅުއްވި އަލީ ޝަރީފާއި ނިއުގެ ބޯޑުގައި ގިނަ ދުވަސްތަކަކު މަސައްކަތް ކުރެއްވި އަޙްމަދު ރަމީޒު (ކުޑޫ) އެވެ.
މީގެއިތުރުން މިއަހަރުގެ ސީޒަންގައި ނިއުއިން ބޭނުން ކުރާ އެ ކުލަބްގެ އާ ލޯގޯ ވެސް ރޭ ވަނީ ލޯންޗްކޮށްފަ އެވެ. އަދި ކުލަބްގެ ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުގައި ހުންނަވާނެ ބޭފުޅަކަށް އެ ކްލަބްގެ ހުނަރުވެރި ފޯވާޑް އަހުމަދު ތޯރިގް( ޓޮމް) ގެ ނަން ވެސް ރޭ ވަނީ އިއުލާން ކޮށްފައެވެ.