އަނެއްކާވެސް އެމެރިކާ ފުރަބަންދުކުރަން އެގައުމުގެ ސިއްހީ ތަޖުރިބާކާރުންތަކެއް ގޮވާލައިފިއެވެ.

މީގެ ކުރިންވެސް ކޮވިޑް19 އާ ގުޅިގެން އެމެރިކާ ފުރަބަންދުކުރިއެވެ.

އެެމެރިކާގެ 150 ސިއްހީ ތަޖުރިބާކާރުންނާއި ޓީޗަރުންނާއި ނަރުހުންނާއި ސައިންޓިސްޓުން ހިމެނޭ ގޮތަށް ސިޔާސީ މީހުން އެޑްރެސްކޮށް ސޮއިކޮށްފައިވާ ސިޓީއެއްގައި ބުނީ ކޮވިޑް19އިން މަރުވާ މީހުން މަދުކުރަން އަނެއްކާވެސް ގައުމު ފުރަބަންދުކުރަން ޖެހޭ ކަމަށެވެ.

އެ ސިޓީ މިހާރު ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ކޮންގްރެސްގެ އިސް ބޭފުޅުންނާއި ސްޓޭޓްތަކުގެ ގަވަރުނަރުންނަށް ފޮނުވައިފައެވެ.

އެ ސިޓީގައި ބުނެފައިވަނީ މިހާރުވެސް އެމެރިކާގެ ބާތަކާއި ކެފޭ ރެސްޓޯރަންޓުތަކުގެ އިތުރުން ކޮންމެހެން ބޭނުން ނުވާ އެތައް ހިދުމަތެއް ދޭ ތަންތަން ހުންނަނީ ހުޅުވާފައި ކަމަށާއި މިއީ ބަލި ފެތުރުމަށް ފަހިވާ ބޮޑެތި ފުރުސަތުތަކެއް ކަމަށެވެ.

އަދި މި އަހަރުގެ ނޮވެމްބަރު މަސް އަންނަ އިރު އެމެރިކާއިން ކޮވިޑް19 ޖެހިގެން 200،000 އަށްވުރެ ގިނަ މީހުން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެމެރިކާ ފުރަބަންދުކުރަން ލަފާދިންއިރު، އެގައުމުގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ހަތަރު މިލިއަން ފަހަނައަޅާވަނީ ގޮސްފައެވެ. އަދި 144،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ. އެމެރިކާގައި މިހާރުވެސް ބަލި ޖެހޭ މީހުން އިތުރުވެ ހޮސްޕިޓަލްތަކަށް ވަނީ ނުކަތާވަރުވެފައެވެ.

އެމެރިކާގެ ސެންޓާ ފޯ ޑީޒީސް ކޮންޓްރޯލް (ސީޑީސީ)އިން ބުނީ މިއަހަރު އެންމެ ގިނައިން މީހުން އެގައުމުގައި މަރުވި 10 ސަބަބުތަކުގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވުން ހިމެނޭނެ ކަމަށެވެ.

ސީޑީސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓްގައި ބުނީ އެމެރިކާގެ އާބާދީގެ 41 ޕަސެންޓް މީހުންގެ ސިއްހީ މައްސަލަތައް ހުންނަ ކަމަށާއި އޭގެ ސަބަބުން އެމީހުންނަށް ކޮވިޑް ޖެހިއްޖެނަމަ ސީރިއަސްވުމުގެ ފުރުސަތު ބޮޑު ކަމަށެެވެ. --- ސީއެންއެން--