25 Jul 2020, 12:05
ދާދި ފަހުން މަރުވި ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު ފެނިގެންދާ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ" ވަނީ ރޭ ހޮޓްސްޓާ މެދުވެރިކޮށް ރިލީޒްކޮށްފައެވެ.
ފިލްމުގެ ޑައިރެކްޓަރު މުކޭޝް ޗާބްރާ ފެށުނީއްސުރެ އެދެމުން އައީ ފިލްމު ތިއޭޓާގައި ރިލީޒްނުކުރެވުނު ނަމަވެސް އެ ފިލްމު ހޮޓްސްޓާގައި ރިލީޒްކުރާ ގަޑީގައި އެންމެން އެއްކޮށް އެ ފިލްމު ބެލުމަށެވެ. އެ އެދުން ސުޝާންތުގެ ފޭނުންނާއި ބޮލީވުޑްގެ ތަރިންވެސް ފުރިހަމަކޮށްދީފިއެވެ.
ސުޝާންތުގެ ފަހު ފިލްމު ޕްރޮމޯޓްކުރަން ގާތްގަނޑަކަށް ބޮލީވުޑްގެ ހުރިހާ ތަރިން ކަހަލަ ގޮތަކަށް ބައިވެރިވިއެވެ. އެންމެން ވެސް އެދުނީ މުކޭޝް އެދުނު ގޮތަށް މި ފިލްމު އެންމެ އެކުގައި ބެލުމަށެވެ. ސުޝާންތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައެވެ. ފިލްމުގެ ފެށިގެން އައި އިރުވެސް ނިމުނު އިރުވެސް ވަނީ ސުޝާންތަށް ޓްރިބިއުޓެއް ދީފައެވެ. ފިލްމު ނިންމާލަނީ ސުޝާންތުގެ ފޮޓޯތަކެއް ދައްކާލުމަށްފަހު ފޮޓޯއެއްގައި "ސުޝާންތް، ޔޫ ވިލް އޯލްވޭސް ބީ މިސްޑް" ޖަހާލުމަށްފަހުއެވެ.
ބައެއް ކްރިޓީކުން މި ފިލްމު ތަރީގެ ޒަރިއްޔާއިން ރޭޓްނުކުރި ނަމަވެސް އަނެއްބައި ކްރިޓީކުން ވަނީ މި ފިލްމު ރޭޓްކޮށްފައެވެ. ތަރީގެ ޒަރިއްޔާއިން ފިލްމު ރޭޓްނުކުރާ ކްރިޓީކުން ބުނީ ސުޝާންތުގެ ފަހު ފިލްމުކަމަށްވުމާއެކު އޭނާއަށްދޭ ޓްރިބިއުޓެއްގެ ގޮތުން ފިލްމު ރޭޓްނުކުރާނެ ކަމަށެވެ.
ދިލް ބޭޗާރާގެ ޕޯސްޓަރެއް---
ބޮލީވުޑްގެ މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވަނީ މި ފިލްމަށް ފަސް ތަރިން ހަތަރު ތަރީގެ ރޭޓެއް ދީފައެވެ. އަދި އޭނާ މި ފިލްމު ސިފަކުރީ ވަރަށް ރީތި ލޯބީގެ ފިލްމެއްގެ ގޮތުގައެވެ. އޭނާ ބުނީ ސުޝާންތުގެ ހުނަރުވެރި އެކްޓުގެ ސަބަބުން އެންމެންގެ ލޯތައްވެސް ކަރުނައިން ތެތްމާލާނެކަމަށެވެ. އަދި އޭނާ ވަނީ ފިލްމުގެ އަންހެން ލީޑު ސަންޖަނާ ސާންގީއަށް ވެސް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.
ދިލް ބޭޗާރާ އަކީ 2014 ވަނަ އަހަރު ނުކުތް ފިލްމު ފޯލްޓް އިން އަވާ ސްޓާޒް ގެ ހިންދީ ރީމޭކެކެވެ. އެހެންކަމުން މި ފިލްމުގައި ވާނެ ގޮތް ފޯލްޓް އިން އަވާ ސްޓާޒް ބެލި އެންމެންނަށް އެނގޭނެއެވެ. ނަމަވެސް މި ފިލްމު ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ ފޯލްޓް އިން އަވާ ސްޓާޒްގެ ފިރިހެން ލީޑު އޮގަސްޓިން މަރުވާއިރު ދިލް ބޭޗާރާގައި ސުޝާންތު މަރުވުމެވެ. އެ ސީން ބެލުންވީ އެންމެންނަށް ވެސް އުނދަގޫ ކަމަކަށެވެ. އެއީ ސުޝާންތު ނެތުމުގެ އިހްސާސްކުރެވުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ބޮލީވުޑްގެ ތަރިން މި ފިލްމަށް ތައުރީފްކުރަމުން އަންނައިރު ސުޝާންތުގެ ފޭނުން ވަނީ މި ފިލްމަށް ލޯބި އޮއްސާލާފައެވެ. ފިލްމު ރޭޓިން ސައިޓް އައިއެމްޑީބީ މެދުވެރިކޮށް އެ ފިލްމަށް ވަނީ 10 އަކުން 9.9ގެ ރޭޓިން އެއް ދީފައެވެ.
ދިލް ބޭޗާރާއަކީ ޑައިރެކްޓަރު މުކޭޝް ޗާބްރާގެ އިތުރުން ފިލްމުގެ ލީޑުން ފެނިގެންދާ ސަންޖަނާގެ ޑެބިއު ފިލްމެވެ. އަދި ސުޝާންތު ސިންހް ރާޖުޕުތު ފެނިގެންދާ އެންމެ ފަހު ފިލްމެވެ.