ރާއްޖެއިން މިއަދު އިތުރު 55 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު، އިތުރު 70 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި، ތަފާސް ހިސާބުން މިއަދު ޕޮޒިޓިވްވި، 55 މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހީންނެވެ. އޭގެތެރޭގައި ބަންގްލަދޭޝްގެ 21 މީހަކު ހިމެނޭއިރު އިންޑިއާ ދެމީހަކާއި ލަންކާ މީހަކު ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 3.175 އަށް އަރައިފައެވެ. އޭގެ ތެރެއިން 2،498 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު މިއަދު 70 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން މުޅި ޖުމްލަ 70،845 ސާމްޕަލް ޓެސްޓުކޮށްފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 647 މީހެކެވެ.

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކުރި ފުރަބަންދަށް ލުއިދިނުމާއެކު، ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަން އިތުރުވަމުން އަންނަ އިރު، ކޮންމެ ދުވަހަކު ވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ދިވެހީންނެވެ.

މިހާތަނަށް ރާއްޖެއިން 1425 ބަންގްލަދޭޝް މީހުން ވައިިރަހަށް ޕޮޒިޓިވްވެފައި ވާއިރު، ޕޮޒިޓިވް ދިވެހީންގެ އަދަދު ވަނީ 1397 އަށް އަރައިފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް 15 މީހަކު ވަނީ މަރުވެފައެވެ.