ޅ. ނައިފަރާއި މަޑިވަރާއި ދެމެދު އަޅާ ބުރިޖްގެ ޑިޒައިންކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ހޯދަން ހައުސިން މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

މި މަޝްރޫއަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ބީލަން ހުށަހެޅުމަށެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވަނީ ނައިފަރާ މަޑިވަރު ގުޅުވާލާ ބުރިޖް ޑިޒައިން ކުރަން ޝައުގުވެރިވާ ފަރާތްތައް ކުރިމަތިލުމަށް ބުރާސްފަތި ދުވަހު ހުޅުވާލާފައިވާ ކަމަށާއި މަޝްރޫއު ކާމިޔާބުކުރާ ފަރާތުން ބުރިޖްގެ ޑިޒައިނާއި މެނޭޖްމަންޓް ކޮންސަލްޓެންސީއާއި ހަވާލުވެ އެ ސަރަޙައްދުގައި ދިރާސާތައް ހަދަންޖެހޭ ކަމަށެވެ.

މަޝްރޫ ކާމިޔާބުކުރާ ފަރާތަކުން ބުރިޖް އެޅުމަށް ބޭނުންވާ ކޮންސްޓްރަކްޝަން މެތޮޑޮލޮޖީ ހެދުމާއި، މަޝްރޫޢުގެ ބީލަމުގެ މަރުހަލާއަށް ބޭނުންވާ ޑޮކިއުމެންޓްތައް ތައްޔާރުކުރުމުގެ އިތުރުން ބުރިޖް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ "ސުވޮތު ބެޓިމެތުރީ" ހެދުމާއި، ސީބެޑްގެ ތަފްސީލް، "ސޮއިލް އިންވެންޓިގޭޝަން" ހެދުމާއި، އެ ސަރަހައްދުގެ ހައިޑްރޯ ގުރެފިކް ޑޭޓާއާއި ކަނޑުގެ އޮއިވަރު ދެނެގަތުން ފަދަ ޑޭޓާ އެއްކޮށް ބުރިޖްގެ ޕްރިލިމިނެރީ އަދި ޑީޓެއިލް ޑިޒައިން ހަދަން ޖެހެ އެވެ.

މިނިސްޓްރީން ބުނީ ބުރިޖްގެ މަޝްރޫޢުގެ މާސްޓާ ޝެޑިއުލް ތައްޔާރުކުމުގެ އިތުރުން ކޮންސްޓްރަކްޝަން މަރުހަލާ ނިމެންދެން ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަން ޖެހޭނީ ވެސް މަޝްރޫއު ކާމިޔާބު ކުރާ ފާރާތެއް ކަމަށެވެ.

މަޑިވަރާއި ނައިފަރުގެ ދެމެދުގައި އަޅާބުރިޖަކީ ސަރުކާރުން ހަރަދުކޮށްގެން އަޅާބުރިޖެއް ކަމުގައިވީނަމަވެސް އެމަޝްރޫއަށް ފައިސާ ހަރަދުކުރާ ގޮތުގެ ތަފުސީލު މިނިސްޓްރީއަކުން ނުދެ އެވެ.