24 Jul 2020, 20:41
މީގެ ކުރިން ކޮވިޑް-19އަށް ޕޮޒިޓިވްވެ ރަނގަޅުވެފައި ހުރި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ހުއްޓާ އަނެއްކާވެސް ވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
އާސަންދައިގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރާއްޖެއިން ބޭރަށް ގޮސް ހުއްޓައި ޕޮޒިޓިވްވީ ބަލި މީހެއްގެ އެހީތެރިއެއްގެ ގޮތުގައި ދިޔަ މީހެއް ކަމަށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވީ އަންގާރަ ދުވަހު ކަމަށް ވިދާޅުވިއެވެ.
ޕޮޒިޓިވްވި މީހާ އަކީ މީގެ ކުރިން ރާއްޖޭގައި ހުރެ ޕޮޒިޓިވްވެފައި ފަހުން ރަނގަޅުވެފައިވާ މީހެކެވެ.
އެ މީހާ ޕޮޒިޓިވްވުމުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ ތިނެއް ކަމަށް އާސަންދައިން ބުންޏެވެ. އެ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ އެހީތެރިންގެ ގޮތުގައި ދިޔަ މީހުންނެވެ.
އާސަންދައިން ބުނި ގޮތުގައި ބައްޔަށް ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅެވެ.