24 Jul 2020, 19:55
ދެހާސް ސާދަ ވަނަ އަހަރާ 2019 ވަނަ އަހަރާ ދެމެދު ރާއްޖެއަށް އެއްލައްކަ ދިހަހާސް ބިދޭސީން އެތެރެވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތަފާތު އެތައް މައްސަލަތަކެއް ފެންމަތިވި ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ބިދޭސީންގެ މައްސަލަތަކަކީ އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވެފައިވާ މައްސަލަތަކެއް ކަމަށެވެ.
އަދި އެކަމުގައި އަވަސް ނިންމުންތަކެއް ނިންމަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވި ރިޕޯޓުގައިވެސް ދަންނަވާފައިވާނެ ކަމަށެވެ.
އަސްއަދު ވިދާޅުވީ ފަސް އަހަރު ތެރޭގައި 110000 ބިދޭސީން ރާއްޖެ އެތެރެވެފައިވާއިރު، އެއީ ރާއްޖޭގެ އާބާދީގެ 25 ޕަސެންޓް އިތުރުވުމެއް ކަމަށެވެ.
އަދި އެ އިތުރުވުމާ އެއްވަރަށް ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ގޮސްފައިވޭތޯ ކޮމިޝަނުން ބަލާފައިވާނެ ކަމަށް އަސްއަދު ވިދާޅުވިއެވެ.
"އިގްތިސޯދީ ކަންތައްތަކެއް ނެތް ވާހަކައެއް ނޫން. އެހެންނަމަވެސް އިގްތިސޯދު ކުރިއަރައިގެންދިޔަ ވަރާ މީހުން އިތުރުވި ވަރާ ކިހާވަރަކަށްތޯ ގުޅުމެއްހުރީ،" އަސްއަދު ވިދާޅުވިއެވެ.
ބިދޭސީންގެ ތަފާސްހިސާބުތަކަށް ބަލާއިިރު، މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށް، ރާއްޖޭގައި އުޅޭ 65،000 އެއްހާ ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ މައްސަލަތުގެ ތެރޭގައި ހަމައެކަނި ކޮރަޕްޝަން ހިމެނޭކަމަށް ބެލެން ނެތް ކަމަށާއި އެކަމުގައި އެތައް މިނިސްޓްރީއެއް ވެސް ހިމެނޭކަން އަސްއަދު ފާހަގަކުރެއްވިއެވެ.
އަދި ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ކޮމިޝަނަށް ފާހަގަވެފައި ހުރި ގިނަ މައްސަލަތަކެއް ފާއިތުވި ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ހަގީގަތަކަށް ވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޕަބްލިކް ރިލޭޓެޑް މައްސަލަތަކާއި އެމީހުންނަށް މުސާރައާއި އުޖޫރަނުދެވި ނުވަތަ އެމީހުން ރަށުން އަންނަ އައުމުގަ އޮޅުވާލުމުގެ ސަބަބުން ހިއުމަން ރައިޓްސް މައްސަލަތައް ފޯމްވެފަ ހުރިކަމާ މިކަހަލަ މައްސަލަތައް އަޅުގަނޑުމެން ފާހަގަކޮށްފަވާނެ. ހަމައެކަނި އޭގެ ކޮރަޕްޝަން އޭންގަލްއަށް ބަލައިގެން އިމިގްރޭޝަންގަ ތިބި މީހުން އެކަނި ގޯހޭ ދަންނަވައިގެން އެކަނި ވާވަރަށްވުރެ ބޮޑު މައްސަލައަކަށް ފެނިގެން އަޅުގަނޑުމެން ޖުމްލަކޮށް މިމައްސަލައާ ދޭތެރޭ ބެލީ،" އަސްއަދު ވިދާޅުވިއެވެ.
ކުށުގެ ވެށްޓަށް ބަލާއިރު ކުށް ކުރުމުގައި ވެސް ބިދޭސީންގެ ބައިވެރިވުން ބޮޑުކަމަށާއި އޭގެ ތެރޭގައި ބަދުއަހުލާގީ އަމަލުތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ގިނަ ކަމަށް އަސްއަދު ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވެސް ވަނީ ކަނޑައަޅައިފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވަނީ ރާއްޖޭގައި މިހާރު ބިދޭސީންގެ ފަރާތުން ފެންނަ ކަންކަމަކީ އިސްތިއުމާރީ ބާރަކުން ހިފާފައި އޮންނަ ގައުމަކުން ވެސް ފެނިގެންދާ ފަދަ ކަންކަން ކަމަށާއި، އެމީހުން ސަލާމަތީ ބާރުތަކާ ކުރިމަތިލާ ހިސާބަށް ކަންކަން ގޮސްފައިވުމުން އެއީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރަން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 43،000 މީހަކު ވަނީ ރަޖިސްޓްރީވެފައެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މި ފަހުން ވިދާޅުވެފައި ވަނީ މި އަހަރު ނިމޭއިރު، ގަވާއިދާ ހިލާފަށް އުޅޭ 20،000 މީހުން ފޮނުވާލަން އަމާޒު ހިފާފައިވާ ކަމަށެވެ.