07 Jan 2012, 12:03
ވީޓީވީ ހިންގާ އައިލެންޑް ބްރޯޑް ކާސްޓިން ކޮމިޝަނުގެ ސީއީއޯ އަކަށް އެމްއެންބީސީ ވަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް (ހޯރަފުށީ ހަލީލް) ހަމަޖައްސައިފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވީޓީވީގެ ސީއީއޯކަމާ ހަލީލު ހަވާލު ވަޑައިގަތީ ފެބްރުއަރީ 22، 2011 ގައި އެމްއެންބީސީން އިސްތިއުފާ ދެއްވުމަށްފަހު މުއާސަލާތީ ކުންފުނި ވަތަނިއްޔާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެން އެ މަގާމުގެ މަސްއޫލިއްތު އަދާ ކުރެއްވުމަށް ނުނުކުންނަވާ ހުންނެވުމަށްފަހު އެވެ.
ދި ޓީވީގެ ސީއީއޯކަން ވެސް ކުރެއްވެވި ހަލީލް ވިދާޅުވީ ވީޓީވީ ހިންގާ އައިލޭންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސީއީއޯ ކަމާ ހަވާލުވެ ވަޑައިގެންނެވީ މި މަހުގެ ހަތަރު ވަން ދުވަހު ކަމަށާއި ރަސްމީކޮށް ވަޒީފާއަށް ނުކުމެވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.
އެނާ ވިދާޅުވީ ވީޓީވީން ފުރުސަތު ލިބުމުން އެ މާޤާމާއި ހަވާލުވެވަޑައިގެންނެވީ ވީޓީވީގައި ޕްރޮފެޝަނަލް ކޮށް މަސައްކަތްކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށާއި ވީޓީވީގައި އެންމެ އިސްކަމެއް ދެއްވާނީ އާންމުން ބަލައިގަންނާނެ މަޤުބޫލު ޕްރޮގުރާމްތަކެއް އުފައްދައި ގެނެސްދިނުމަށް ކަމަށެވެ.
ހަލީލަކީ އެމްއެންބީސީގައި ހޭދަ ކުރެއްވި ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ އިތުރުން ޓީވީ މޯލްޑިވްސްގެ ތަފާތު މަގާމުތަކުގައި 20 އަހަރު އަދި ހަވީރު ނޫހުގައި ހޭދަކުރެއްވި ދެ އަހަރާއެކު މީޑިއާގައި 22 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފޮރިން މިނިސްޓްރީގައި ވެސް ހަލީލް ވަނީ މަސައްކަތް ކުރައްވާފަ އެވެ.
ވީޓީވީ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ އެގްޒެކެޓިވް ޗެއާމަންއަކަށް ވީޓީވީގެ ސީއީއޯ ކަމުގައި ހުންނެވި އަމީން އިބްރާހީމް ވެސް ވަނީ ހަމަ ޖައްސަވާފަ އެެވެ.