ބެއިޖިން (ޖުލައި 24): އެމެރިކާގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓެއް ބަންދު ކުރަން އެމެރިކާއިން އެންގުމާ ގުޅިގެން، ޗައިނާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓެއް ބަންދު ކުރަން އެގައުމުން އަންގައިފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގެ ޗަންގްދޫގައި ހުންނަ ކޮންސިއުލޭޓު ބަންދު ކުރަން އެންގީ އެމެރިކާއިން އެޅި ފިޔަވަޅުތަކަށް ގާނޫނީ އިމުގެ ތެރެއިންދޭ ރައްދެއްގެ ގޮތުންނެވެ. އަދި އެ މިނިސްޓްރީން ވަނީ ދެ ގައުމުގެ ގުޅުމަށް ހުރަސް ނޭޅުމަށްޓަކައި އެމެރިކާގެ ނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްގެ ޗީފް އެޑިޓަރު ވިދާޅުވި ގޮތުގައި އެގައުމުން ވަނީ އެމެރިކާގެ ކޮންސިއުލޭޓު ބަންދު ކުރުމަށް 72 ގަޑި އިރުގެ މުހުލަތެއް ދީފަ އެވެ.

ޗެންގްދޫގައި 1985ގައި ހުޅުވި އެމެރިކާގެ ކޮންސިއުލޭޓުގައި 200 މުވައްޒަފުން ތިބެ އެވެ. އޭގެ ތެރެއިން 50 މީހުންނަކީ އެމެރިކާގެ އޮފިޝަލުންނެވެ. އެ ކޮންސިއުލޭޓަކީ އަމިއްލަ ވެރިކަމެއް އޮންނަ ޓިބެޓާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް އެމެރިކާއަށް ފަސޭހަކޮށްދޭ، ސްޓްރެޓީޖިކް ގޮތުން މުހިއްމު ކޮންސިއުލޭޓެކެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެގައުމުން ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓު ބަންދު ކުރަން އެންގީ "އެމެރިކާގެ ފިކުރީ މުދަލާއި އެގައުމުގެ ރައްޔިތުންގެ އަމިއްލަ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި" އެވެ.

ހިއުސްޓަންގައި ހުންނަ ކޮންސިއުލޭޓުގެ އިތުރުން ޗައިނާގެ ހަތަރު ކޮންސިއުލޭޓަކާއި އެމްބަސީއެއް އެމެރިކާގައި ހުރެ އެވެ. އަދި ޗައިނާގައި އެމެރިކާގެ ފަސް ކޮންސިއުލޭޓާއި އެމްބަސީއެއް ހުރެ އެވެ.

އެމެރިކާއިން ޗައިނާގެ ކޮންސިއުލޭޓު ބަންދު ކުރަން އަންގާފައި ވަނީ އެކި ސަބަބުތަކާ ހެދި ދެގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ސަބަބުތަކުގެ ތެރޭގައި ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ހަނގުރާމަ އާއި ކޮރޯނާވައިރަސް ބަލިމަޑުކަމާއި ޗައިނާއިން ހޮންކޮންގް އާއި އެގައުމުގައި މުސްލިމުން ދިރިއުޅޭ ޝިންޖިއަންގުގައި އަމަލު ކުރާ ގޮތްތަކަށް އެމެރިކާއިން ފާޑު ކިޔުން ހިމެނެ އެވެ.