ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ މާލޭ ހުކުރު މިސްކިތުގެ ހިރިގަލުގެ ބައިތަކާއި ލަކުޑިން ހުރި ބައިތައް ފަނިބޮއި ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.

މިސްކިތުގެ މޫނުމަތީ ފަރާތުން ފެންވަޅާ ދިމާގައިވާ ހިރިގަލުގެ ބައިތައް ފަނިބޮއިފާވާ މިންވަރު ބޮޑުކަމުން އެ ބައިތަކުގައިވާ ކުރެހުންތައް މުޅިން ހެން ވަނީ ހަލާކުވެފަ އެވެ. އަދި މިސްކިތުގެ ފުރާޅުގައިވާ ލަކުޑީގެ ބައެއް ބައިތައް ވެސް ފަނިއަޅައި މުޅިން ވަނީ ތޮށިގަނޑަކަށް ވެފައެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުން ބުނީ ހުކުރު މިސްކިތަށް ލިބިފައިވާ ގެއްލުންތައް ފާހަގަ ކުރެވިފައިވާ ކަމަށާއި އެ މައްސަލަ ދިމާވެފައި ވަނީ ހަމަ އެކަނި އެ މިސްކިތަށް ނޫން ކަމަށެވެ.

އެ ޑިޕާޓްމަންޓްގެ ތަރުޖަމާނު އަލީ ވަހީދު ވިދާޅުވީ ހުކުރު މިސްކިތް ދިގު މުއްދަތަކަށް ދެމެހެއްޓުމަށްޓަކައި 1987 ވަނަ އިންޑިޔާގެ މާހިރުން ގެނެސްގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް އެއަށް ފަހު އެތަން އެގޮތުގައި ދަމަހައްޓަން ކުރަންޖެހޭ ފަރުވާ ނުކުރެވި އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން ނުކުރެވިގެން އުޅެނީ އެކަމަށް ބޭނުންވާ ކެމިކަލް ހޯދަން ހަރަދުކުރާނެ ފައިސާ ނުލިބިގެން ކަމަށެވެ.

" އިންޑިޔާގެ ޓީމުން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވި ފަހުން ކުރެވެމުން ދިޔަ ހަމަ އެކަނި މަސައްކަތްތަކީ އެތަނަށް ގެއްލުމެއް ލިބޭތޯ ބެލުން، އެއްވެސް ފަރުވާއެއް ނުކުރެވޭ، " އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ހުކުރު މިސްކިތާއި އެނޫން ވެސް އެފަދަ އާސާރީ ބިނާތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ކުރަން ޖެހޭ ފަރުވާ ކުރެވޭ ފެންވަރުގެ މުވައްޒަފުން ހެރިޓޭޖް ޑިޕާޓްމަންޓްގައި އެބަތިބި ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ ކެމިކަލްތަކަކީ ރާއްޖޭން ލިބޭ ތަކެތި ނޫން ކަމަށާއި އެތަކެތި ހޯދުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭ އިރު އެކަމަށް ބޭނުންވާ ފައިސާ ނުލިބޭ ކަމަށެވެ.

" އެތަންތަން ސަލާމަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން އަޅުގަނޑުމެންގެ މުވައްޒަފުންނަށް ނޭނގެނީ އެއް ނޫން، އީދު މިސްކިތް ވެސް މަރާމާތު ކުރީ ހަމަ އަޅުގަނޑުމެންގެ މުވައްޒަފުން، އެ މަސައްކަތަށް ހަރަދުކޮށްދިނީ އެމެރިކަން އެމްބަސީން" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތާރީހީ މިފަދަ ތަންތަން ހިމާޔަތް ކުރުމަށް ރާއްޖޭން ފައިސާ ހަރަދުކުރަން ޖެހޭނެ ކަމަށާއި ހެރިޓޭޖް ލިސްޓުގައި ހިމެނުނަސް އެކަމަށް ބޭރުގެ ގައުމުތަކުން ހަރަދުކު ނުކުރާނެ ކަމަށެވެ.

" އެފަދަ ތަންތަން ހިމާޔަތް ކުރުމަށް ފައިސާ ހަރަދުކުރަން ޖެހޭނެ، ތަރިކައިގެ ލިސްޓްގައި ހިމެނުނަސް މީ ރާއްޖޭގެ ތަންތަން، މިތަންތަން ހިމާޔަތް ކުރުމަށް ހަރަދުކުރަން ޖެހޭނީ ރާއްޖޭން،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު އަދި ވިދާޅުވީ ހުކުރު މިސްކިތުގެ އިތުރުން ވެސް އާސާރީ ގިނަ ތަންތަނަކަށް އެމައްސަލަ ދިމާވެފައިވާ ކަމަށެވެ.