ވޮޝިންގޓަން (ޖަނަވަރީ 6) : އެމެރިކާގެ މިއަހަރުގެ ދިފާޢީ ބަޖެޓުން 489 ބިލިޔަން ޑޮލަރު އުނިކުރެވިފައިވާއިރު ޢަސްކަރީ ގޮތުން ދުނިޔޭގައި އެންމެ ބާރުގަދަ ޤައުމުގެގޮތުގައި އެމެރިކާ ބޭއްވުމަށް ދިފާޢީ އައުސްޓްރެޓެޖީއެއް ރައީސް ބަރަކް އޮބާމާ އިޢްލާން ކުރައްވައިފިއެވެ.

ޕެންޓަގަންގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ މިއަހަރުގެ އެމެރިކާގެ ދިފާޢީ ބަޖެޓުން 489 ބިލިޔަން ޑޮލަރު އުނިވުމުން އެމެރިކާގެ ލަޝްކަރުގެ ސައިޒް ކުޑަވެގެންދާނެ ކަމުގައެވެ. ނަމަވެސް އޭގެބަދަލުގައި ހަތިޔާރު އިތުރަށް ޒަމާނީކޮށް ސިފައިންގެ ތަމްރީންގެ ޤާބިލްކަންއިތުރުކޮށް އެމެރިކާގެ ޤައުމީ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ވަންނަންޖެހޭ ކޮންމެތަނަކަށް ވަދެގަތުމަށްޓަކައި ކުރިޔަށްވުރެ ހަލުއިކޮށް އަވަހަށް ޙަރަކާތްތެރިވުމުގެ ޤާބިލްކަން ލިބިގެންވާ ބާރުތަކަކަށް އެމެރިކާގެ ލަޝްކަރުތައް ހައްދަވާނެ ކަމަށް އޮބާމާ ވިދާޅުވިއެވެ.

ދިފާޢީ ޚަރަދުތައް ކުޑަކުރުމަށްފަހު ދުނިޔޭގައި އެންމެ ބާރުގަދަ ޤައުމުގެގޮތުގައި އެމެރިކާ ދެމިއޮތުމުގެ ސްޓްރެޓެޖީއަކީ "ހަތިޔާރުތައް ޒަމާނީކުރުމާއި ޖާސޫސީ ނިޒާމްގެ އިތުރަށް ކޮލިޓީކުރުމާއި ސިފައިންގެ ފިޒިކަލްޤާބިލްކަން އިތުރުކުރުމާއި ވަންނަންޖެހޭތަންތަނަށް ވަދެގަތުމުގައި ކުރިޔަށްވުރެ ހަލުއި އަދި ކެރޭ ބާރަކަށް އެމެރިކާގެ ލަޝްކަރުތައް ހެދުން" ކަމަށް އޮބާމާ ވިދާޅުވިއެވެ.

މިސްޓްރެޓެޖީ ކާމިޔާބު ކުރެވިއްޖެނަމަ އެމެރިކާގެ ދިފާޢީ ބަޖެޓުން 489 ބިލިޔަން ޑޮލަރު އުނިވިޔަސް ދުނިޔޭގެ އެންމެ ބާރުގަދަ ޢަސްކަރީ ބާރުގެ ގޮތުގައި އެމެރިކާއަށް ދެމިއޮވެވޭނެ ކަމަށް އޮބާމާ ވިދާޅުވިއެވެ. ނަމަވެސް އޮބާމާގެ ވާހަކަފުޅުގައި ދުނިޔޭގެ އެންމެބޮޑު ޢަސްކަރީ ބާރުގެ ގޮތުގައި އެމެރިކާ ދެމިއޮތުމަށް ކުރިޔަށްވުރެ މާބޮޑެތި ދަތިތަކާއި ގޮންޖެހުންތަކާ އެމެރިކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެއްބަސްވެ ވަޑައިގެންނެވިއެވެ.

އެމެރިކާގެ ދިފާޢީ ބަޖެޓުން 489 ބިލިޔަން ޑޮލަރު އުނިކުރި ނަމަވެސް އަދިވެސް ދުނިޔޭގައި އެންމެ ބޮޑު ދިފާއީ ބަޖެޓެއް އޮތީ އެމެރިކާގައެވެ. ދުނިޔޭގެ ބޮޑު އެހެން 5 ބާރުގެ ދިފާޢީ ބަޖެޓް އެއްކޮށްލުމުންވެސް މިހާރުގެ އެމެރިކާގެ ދިފާޢީ ބަޖެޓަށްވުރެ ކުޑައެވެ.

ސެޕްޓެމްބަރ 11 ގެ ޙަމަލާތަކަށްފަހު ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ފެށިހަނގުރާމަތަކާގުޅިގެން ބޮޑުވެގެންދިޔަ އެމެރިކާގެ ދިފާޢީ ބަޖެޓުގެ ސަބަބުން 10 އަހަރުތެރޭގައި އެމެރިކާވަނީ އިޤްތިސާދީގޮތުން އިނދަޖެހޭ ހިސާބަށް ގޮސްފައެވެ. ދިފާޢީ ބަޖެޓުން 489 ބިލިޔަން ޑޮލަރު އުނިކުރަން އެމެރިކާ ސަރުކާރާއި ކޮންގްރެސްއަށް މަޖްބޫރުވެގެންދިޔައީ މިކަމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އިޤްތިސާދު ރަނގަނޅު ވެގެންނޫނީ ދުނިޔޭގެ ޢަސްކަރީ އެއްވަނަ ބާރުގެ ގޮތުގައި ކުރިޔަށްއޮތް 15 ވަރަކަށް އަހަރުތެރޭގައިވެސް އެމެރިކާއަށް ދެމިނޯވެވޭނެކަމަށް ތަޖްރިބާކާރުން ދެކެއެވެ.

އެމެރިކާގެ ޢަސްކަރީ ބާރަށް ކުރިމަތިވަމުންދާ އާދަޔާޚިލާފް ގޮންޖެހުންތަކުގެ ތެރޭގައި އިޤްތިސާދީ ގޮތުންނާއި ޢަސްކަރީގޮތުން ހަލުއިކަމާއެކު ކުރިއަރަމުންދާ ޗައިނާއާއި ޢަސްކަރީ ޓެކްނޮލޮޖީގައި ކުރިހޯދަމުންގެންދާ ރަޝިޔާގެ އިތުރުން ގަލްފުގައި އެމެރިކާއަށް ގޮންޖަހަމުންގެންދާ އީރާން ހިމެނޭކަމަށް ސްޓްރެޓީޖިކް ރިޕޯޓްތައް ބުނެއެވެ.

10 އަހަރުވަންދެން އެމެރިކާ ހަނގުރާމަކުރިއިރު އެމެރިކާގެ ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ބޭނުންތަކާއެއްގޮތަށް އެމެރިކާގެ ބަޖެޓް މިހާރު އަލުން ތަރުތީބުކުރަން ޖެހިފައިވާކަމަށް އޮބާމާ އެއްބަސްވެ ވަޑައިގެންނެވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމެރިކާގެ އިޤްތިސާދު ރަނގަނޅުކޮށް ވަޒީފާ ނުލިބޭމީހުންގެ ނިސްބަތް ދަށްކުރަން އޮބާމާއަށް މަޖްބޫރުވެފައިވާ ކަމަށާއި މިކަންކަން ނުކުރެވިއްޖެނަމަ ރިޔާސީ ރޭހުގައި އޮބާމާ ފޭލްވެވަޑައިގަތުމުގެ ފުރްސަތު ބޮޑުކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް