24 Jul 2020, 10:59
ޟަރޫރީ ބޭނުމަކަށް ބ. ބޮޑުފިނޮޅުން ފޭބި ބައެއް ބިދޭސީ މަސައްކަތްތެރިން އެ ރަށަށް އަނބުރާ އެރުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކުން ދީފައި ނުވާ ކަމަށާއި، އަދި އެ ރަށުގައި ބާކީ ތިބި މީހުންވެސް ރަށުން ބޭލުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެ ފަރާތްތަކުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ޕަބްލިކް އިންޓަރެސް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޟަރޫރީ ބޭނުންތަކެއް ފުއްދުމަށްޓަކައި އެ ރަށުން ފޭބި ހަތަރު ބިދޭސީ މަސައްކަތްތެރިން އެ ރަށަށް އަނބުރާ އެރުމުގެ ހުއްދަ ފުލުހުންނާއި ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދީފައިނުވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ބޮޑުފިނޮޅުގައި ބާކީ ތިބި ބިދޭސީ މަސައްކަތްތެރިން، މިއަދު އެ ރަށުން ބޭލުމުގެ މަސައްކަތް ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރަން ނިންމާފައިވާކަމުގެ މައުލޫމާތުވެސް އެ ޖަމިއްޔާއަށް ލިބިފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އެކަމާމެދު މި ޖަމިއްޔާއިން ކަންބޮޑުވެއެވެ،" ޕީއައިއެލްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ރަށުން ބޭލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޖަމިއްޔާއިން ތުހުމަތު ކުރާއިރު، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގެ ކޮންޓްރެކްޓަރު ކަމަށްވާ އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑާއި އެކުންފުނީގެ ދެ ޑިރެކްޓަރުންގެ މައްޗަށް ރައްދުވާގޮތަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވާކަން އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ މައްސަލައަކީ، މަސައްކަތްތެރިންނަށް ނުދީ ވާ މުސާރައާއި އިނާޔަތްތަކާއި ގެއްލުމުގެ ބަދަލު އެކީއެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދުމުގެ އިތުރުން، ވަޒީފާއާ ބެހޭ ޓުރައިބިއުނަލްއިން ވަކި ގޮތެއް ކަނޑައަޅަންދެން އެ މަސައްކަތްތެރިންގެ ކެއުމާއި ބުއިމާއި ސިއްހީ ފަރުވާއި އެންމެހައި ޟަރޫރީ ބޭނުންތައް ފުއްދޭނެ ގޮތް ހަމަޖައްސާފައި ބޭއްވުމަށް ވަގުތީ އަމުރެއް ނެރެދިނުމުގެ މައްސަލަ ކަމަށް ޕީއައިއެލްސީން ބުންޏެވެ.
ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީންނަށް މަޖުބޫރުކޮށް، އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކައި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް އެ ފަރާތުން އަންގާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
"އެ ބިދޭސީ މަސައްކަތްތެރިންނަށް އިއާދަނުކުރެވޭ ގެއްލުން ލިބިގެންދާނެގޮތަށް އެފަރާތްތައް ބޯހިޔާވަހިކަމުން މަހުރޫމުކުރުވައި އެ ބިދޭސީ މަސައްކަތްތެރިން މަގުމަތިކުރުމަކީ މިހާރުވެސް ނިކަމެތިވެފައިވާ ބިދޭސީ މަސައްކަތްތެރިންނަށް ލިބިގެންދާނެ އިތުރު ގެއްލުމެއްކަމުގައި މި ޖަމިއްޔާއިން ދެކެމެވެ،" ޕީއައިއެލްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ގާނޫނުއަސާސީގެ 18 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ޒިންމާއެއްކަން ފާހަގަކޮށް ޕީއައިއެލްސީން ބުނީ، އެ ފަރާތްތަކަށް މި ވަގުތަށް ލިބިފައިވާ ބޯހިޔާވަހިކަމުން މަހުރޫމުކުރުވައި އެ ފަރާތްތަކަށް ކެއުމާއި ބުއިމާއި ސިއްހީ ފަރުވާއާއި އެންމެހައި ޟަރޫރީ ބޭނުންތައް ނުފުއްދޭނެ ފަދަ ހާލަތެއް މމެދުވެރިކުރުވުމަކީ އެ ފަރާތްތަކުގެ އިންސާނީ ހައްގުތަކާއި ގުޅޭ ކަމެއް ކަމުގައިވާތީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އަމިއްލަ އިސްނެންގެވުމުގައި އެ މައްސަލަ ބަލައި އަވަސް ފިޔަވަޅުތައް އެޅުއްވުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ސީލް މޯލްޑިވްސްއަށް ލިބުނު ޕްރޮޖެކްޓް ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ހަވާލުވެފައިވަނީ އާރުއައިއެކްސް އިންނެވެ. ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު ބޮޑުފިނޮޅުގައި ކުރަން ޖެހޭ މަސައްކަތައް ބޭނުންވާ މީހުން ހަމަޖެއްސުމާއި އެމީހުންނަށް މުސާރަ ދިނުމާއި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަކީ އާރުއައިއެކްސްއިން ކުރަން ޖެހޭ ކަމެއް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.
ބ. ބޮޑުފިނޮޅުގައި ހަޅުތާލު ހިންގިއިރު 179 ބިދޭސީންނަށް ނުދެވި ހުރި މުސާރަ ދީ ނިންމުމަށްފަހު މި މަހުގެ 30ގެ ކުރީން ލިޔުން ހިއްސާކުރުމަށް ވެސް ލޭބާ ރިލޭޝަންސް އޮތޯރިޓީއިން ވަނީ އަންގައިފަ އެވެ.