07 Jan 2012, 11:08
ތޭވީސް ޑިސެމްބަރ ވަނަ ދުވަހު އިސްލާމު ދީނުގެ ދިފާއުގައި ދިވެހިން މުޒާހަރާއަށް ނިކުތުމުން ރައީސް ނަޝީދާއި އޭނާއަށް ތާއީދުކުރާ ފައްސަތޭކަ ވަރަކަށް މީހުން ހެދި ގޮނޑުދޮށަށް އެއްވެ ދެއްކި މުޑުދާރު ވާހަކަ ތަކަކީ ދިވެހި ތާރީހުގައި ކޮންމެވެސް ދުވަހަކުން ކަޅު އަކުރުން ލިޔެވިގެންދާނެ ވާހަކަ ތަކެކެވެ. ރައީސް ނަޝީދު އެދުވަހު ދެއްކެވި ވާހަކަ ތަކުން ދޭހަވީ އެމަނިކުފާނު ގަބޫލް ކުރައްވާ ގޮތުގައި އިސްލާމު ދީނަކީ ޖާރިއާއިން ގެންގުޅޭ ދީން ކަމަށާއި، އެދީނަކީ ނުވަ އަހަރުގެ ކުޑަކުދިން ކައިވެނި ކުރުމަށް ބާރުއަޅާ ދީންކަމަށާއި، އަންހެން ކުދިން ހިތާނު ކުރުމަށް ބާރު އަޅާ ދީން ކަމަށެވެ.
އިސްލާމީ ޝަރީއަތަށް ރައްދުވާގޮތަށް ބަދުބަސް ބުނެ ﷲ އަށާއި ކީރިތިރަސޫލާއަށް ނިސްބަތްވާފަދަ މަލާމާތުގެ ބަސްތައް ރައީސް ނަޝީދުގެ ދުލުން ބޭރުވުމަކީ މިހާރު އާއްމު ކަމެކެވެ. ރައީސް ނަޝީދު ގެ މިފަދަ ބަސްތަކާއި، މިސަރުކާރުގެ މިފަދަ ނޭއްގާނީ އަމަލުތަކުގެ ސަބަބުން ދިވެހި އިސްލާމީ މުޖުތަމައުގެ ފޭރާން ދަނީ ވީރާނާ ވަމުން، ބަލިކަށި ވަމުންނެވެ. މިއީ ފޮރުވިފައިވާ އެޖެންޑާއެއްގެ ދަށުން، ރޭވިގެން ކުރުވާ ކަމެއް ކަމަށް ޝައްކު ކުރާނެ ޖާގަ ކިތަންމެ ވަރަކަށް ވެސް އެބައޮތެވެ.
ރައީސް ނަޝީދު ކިތައްފަހަރު އިތުރުފުޅު ހެއްދެވީމަތޯ އެމަނިކުފާނުގެ އިތުބާރެއް ނެތް ކަމަށް ދިވެހިރައްޔިތުން ގަބޫލު ކުރާނީ؟
އައްޑޫގައި ބެހެއްޓި ބުދުތަކުގެ މައްސަލަ ހޫނުވުމުން އެކިފަހަރު އެކި ގޮތަށް ވާހަކަދައްކަވަމުން ގޮސް ނަޝީދު އެންމެ ފަހުން ވިދާޅުވީ އެބުދުތައް އެމަނިކުފާނު އެންމެ ފުރަތަމަ ދެކެވަޑައިގަތީ ވެސް އޭގެތެރެއިން ބައެއްބުދު ރައްޔިތުން ނިކުމެ ތަޅާލިފަހުން ކަމަށެވެ. ނަމަވެސް އެބުދުތައް އިފްތިތާހު ކުރެއްވުމަށްޓަކައި ސާކްގެ ވެރިންނާއެކު ރައީސް ނަޝީދު ހުންނެވި މަންޒަރުގެ ފޮޓޯ އާއި ވީޑިއޯ އާއްމުކޮށް ފެންނަން އެބަހުއްޓެވެ. ކޮންފަދަ ބޮޑު އިތުރުފުޅެއްތޯއެވެ. އިސްލާމީ ޝަރީޢަތަށް ފުރައްސާރަކޮށް ޕިއްލޭ ދެއްކެވި ވަހަކަ އާއި ގުޅިގެންވެސް ރައީސް ނަޝީދު ވިދާޅުވަނީ ޕިއްލޭ އެފަދަ ވާހަކައެއް ދައްކަވާފާނެ ކަން ނަޝީދުއަށް ކުރިން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އެހެންކަމަށް ވާނަމަ ކުޑަމިނުން އެވަހަކަތައް ކުށްވެރި ކުރައްވައި ރައީސް ނަޝީދު އަދި އަދަށްވެސް އެއްޗެއް ވިދާޅުނުވަނީ ކީއްވެގެންތޯ އެވެ.؟
ރާއްޖޭގައި ނަސާރާ ދީން ފަތުރަން މަސައްކަތް ކުރުމުގެ ކުށުގައި މީގެކުރިން ރާއްޖެއިން ޑީޕޯޓު ކޮށްފައިވާ ބިދޭސީން ރާއްޖެ ގެންނަވައި، ރައީސްނަޝީދުގެ ވެރިކަމުގައި އެފަދަ މީހުނަށް ދިވެހި ސަރުކާރުން އިއްޒަތްތެރި މަޤާމުތައް ދެއްވައި ދިވެހި ދައުލަތުން އެފަދަ ބިދޭސީންނަށް މަހު މުސާރަ ދެއްވަނީ އިސްލާމުދީނާއި މެދު ރައީސްނަޝީދު ކޮން ގޮތަކަށް ދެކެވަޑައި ގަންނަވާތީތޯއެވެ؟
ތިޔަ ބުނާ "ރައްޔިތުންގެ" މަޖިލީހުގެ މަންބަރެއްގެ ގޮތުގައި އަޅުގަނޑު ހުރިނަމަ ރައީސް ނަޝީދު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލިހަށް މައްސަލަ ހުށަހަޅާނަމެވެ. އެއީ އިސްލާމު ދީނާއި، މިދިވެހި ގައުމުގެ މަސްލަހަތަށްޓަކައި ކުރަން ކޮންމެހެން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.
ރައީސް ނަޝީދު ސްޕްރީމް ކޯޓަށް ހާޒިރުކުރަންޖެހޭ ކަމަށް ސަންދާން ލުތުފީ ވިދާޅުވީ އ.ދ ގެ ހިމާޔަތުގައި ސުވިޒަލޭންޑްގައި ހުންނަވައިގެންނެވެ. ލުތުފީގެ ވާހަކަ ހަމަރަނގަޅެވެ. ނަމަވެސް އަޅުގަނޑު ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް މިގޮވާލަނީ މިދިވެހި ފަސްގަނޑުގައި، އެއްވެސް މީހެއްގެ ހިމާޔަތެއް ނެތި، ހުސް އަތާ ހުރެގެންނެވެ.
"އިސްލާމު ދީނުގެ ދިފާއުގައި ދިވެހިން" މި ޝިއާރުގެ ދަށުން ބޭއްވި މުޒާހަރާގައި ވާހަކަދެއްކެވި އިލްމުވެރިޔަކު ވިދާޅުވި ގޮތުގައި އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި، އެވެރިމީހާއާ ޖަދަލުކޮށްފައި، ހައްޤު ބަސް ބުނުމެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި، އަޅުގަނޑު ދެކޭގޮތުގައި ރައީސް ނަޝީދަކީ އަނިޔާވެރި ވެރިއެކެވެ. އެއްގޮތަށް ވުރެން ގިނަ ގޮތަށް، އެމަނިކުފާނުގެ އަނިޔާވެރިކަން ދިވެހިރައްޔިތުންނަށް މިދަނީ ފެނި، ސާބިތުވަމުންނެވެ. އެހެންކަމުން މިދެންނެވި އަނިޔާވެރިކަމުގެ ކުރިމަތީގައި އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުގެ ހައްގު ބަހެވެ.
ހައްގު ބަސް ބުނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ބައެއް ފަހަރު ރައްކާތެރިކަމެއް ވެސް ނޫނެވެ. އަދި ކިއެއްތަ، އެއީ ޖިހާދެކެވެ. އިލްމުވެރިޔާ ވިދާޅުވި ފަދައިން އެންމެ މަތިވެރި ޖިހާދެވެ.
ހައްގު ބަސް ގަބޫލުކުރާ ހުރިހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަނީ ރައީސް ނަޝީދު އާއި ހަމައަށް ހައްގު ބަސް ރައްދުކުރުމަށެވެ. އެމަނިކުފާނަކީވެސް ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ އަށް ބޯލަނބަން ޖެހޭ، އިސްލާމީ ޝަރީޢަތަށް އިހްތިރާމު ކުރަންޖެހޭ ދިވެހި ރައްޔިތެއްކަން އެމަނިކުފާނަށް ހަނދާންކޮށް އެރުވުމަށެވެ.
އަޅުގަނޑުމެން ހިލޭ ބޭސްފަރުވާ ވެސް ބޭނުމެވެ. ބްރިޖް އަޅަންވެސް ބޭނުމެވެ. ބޯހިޔާވަހިކަމުގެ މިނިވަންކަން ވެސް ބޭނުމެވެ. އަތްފޯރާ ފަށަށް ތަކެތީގެ އަގު ގެންނަން ވެސް ބޭނުމެވެ. ނަމަވެސް އަޅުގަނޑުމެން މިދެންނެވި މާއްދީ ފަސޭހަތައް ބޭނުންވަނީ ގައުމުގައި ހުރި ހުރިހާ ހަރުމުދާ ބިދޭސީންނަށް ވިއްކާލާފަ، އެންމެ ފަހުން ދިވެހި ގައުމުގެ ދީނާއި، އެގައުމުގެ އިސްތިގުލާލު ވެސް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލާފައެއް ނޫނެވެ.
ރައީސް ނަޝީދު އާއި ރީކޯ މޫސައާއި، ސަރަނގު އާދަމް މަނިކާއި، މާރިޔާ އާއި އިމްތިޔާޒް ފަހުމީ ފަދަ އެމް.ޑީ.ޕީ ގެ އިސް ބޭފުޅުން ކިތަންމެ ވަރަކަށް އަޑަށް ބާރުލައްވާފަ ހީލަތްތެރި ވާހަކަ ވިދާޅުވިއަސް ހުރިހާ ދިވެހި ރައްޔިތުން އޮޅުވައެއް ނުލެއްވޭނެއެވެ. ހަގީގަތް އެނގޭ ދިވެހިން ހައްގު ބަސް ބުނާނެއެވެ. އަދި ﷲ އިރާދަފުޅު ކުރެއްވިއްޔާ މިވަގުތަށް ހަގީގަތް ނޭނގޭ ދިވެހިން ވެސް ފަހުން ހައްގު ބަސް ގަބޫލުކުރަނެއެވެ. އެދުވަސް މިހާރުވަނީ މާދުރުގައި ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަޅުގަނޑުވެސް އެދެނީ އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަމެވެ.
ވަލްހަމްދު ލިއްﷲ...