ތެހެރާން (22 ޖުލައި 2020) : އިރާގާއި އީރާނާދެމެދު އޮންނަނީ ބަދަހި ގުޅުންތަކެއް ކަމަށާ އިރާގުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކޮށްގެން އީރާނަށް އުދުވާން ހިންގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުލިބޭނެކަމަށް އިރާގުގެ ބޮޑުވަޒީރު ޑރ. މުސްތަފާ އަލްކާޟިމީ ވިދާޅުވެއްޖެއެވެ.

އީރާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ރައީސް ހަސަން ރޫހާނީ އާ ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ކާޟިމީ ވިދާޅުވީ އެމެރިކާއާ އީރާނާ އަދި އެހެން ގައުމުތަކާއެކުވެސް އިރާގުން ބާއްވާ ގުޅުންތައް ބިނާވެފައިވަނީ އިރާގުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެއްވެސް ގައުމަކުން ނުވަނުމުގެ މައްޗަށް ކަމުގައެވެ. މިގޮތުން އެއްވެސް ގައުމަކުން އަނެއްގައުމަށް ހަމަލާދިނުމަށް ނުވަތަ ގޯނާކުރުމަށް އިރާގުގެ ބިން ބޭނުންކޮށްގެން ނުވާނެކަމަށާ އެފުރުސަތު އިރާގުން އެއްވެސް ގައުމަކަށް ނުދޭނެކަމަށް ކާޟިމީ ވިދާޅުވިއެވެ.

ކާޟިމީ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އެމެރިކާއިން އިރާގުގެ ބިން ބޭނުންކޮށްގެން އީރާނުގެ އަސްކަރީ ލީޑަރެއްކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީ މިދިޔަ އަހަރުގެ ފަހުކޮޅު އަވަހާރަކޮށްލި ޖަރީމާ ހިންގާފައިވާއިރު އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އިރާގުގައިވާ އެމެރިކާގެ އެންބަސީ އަށާއި އިޜާގުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ބަދަލުހިފުމުގެ ޙަމަލާތައްދީ އިރާގުން އެމެރިކާ ސިފައިން ފައްސާލަން މަސައްކަތް ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.

ގާސިމް ސުލައިމާނީގެ މަރަށް ބަދަލުހިފުމުގެ ގޮތުން އީރާނުންވެސްވަނީ އިރާގުގައިވާ އެމެރިކާގެ އަސްކަރީ ދެމަރުކަޒަކަށް ބަލިސްޓިސް މިސައިލް ހަމަލާތަކެއްދީ އެމެރިކާ ސިފައިންގެ އައްޑިހަ އެއްހާ މީހުން ޒަޚަމްކޮށްލާފައެވެ. އެޙަމަލާތަކަށް ރައްދު ދީފިނަމަ ދެން ޙަމަލާދޭނީ އެމެރިކާގެ ގަލްފުގެ ބައިވެރިޔާ ކަމަށްވާ ޔޫއޭއީ ގެ ދުބާއި އަށް ކަމުގެ ހަރުކަށި އިންޒާރު އީރާނުން ދިނެވެ. މިއާއެކު އީރާނަށް ސީދާގޮތެއްގައި ހަމަލާދޭން އެމެރިކާއަށް ކެރިފައެއް ނުވެއެވެ.

އީރާނުގެ ރިޔާސީ ގަނޑުވަރުގައި ރައީސް ރޫހާނީ އިޜާގުގެ ބޮޑުވަޒީރަށް މަރުހަބާ ދަންނަވަނީ

އީރާނުގެ ރައީސް ހަސަން ރޫހާނީއާއެކު ބޭއްވި ނޫސްކޮންފަރެންސްގައި ކާޟިމީ ވަނީ އިރާގުގެ ބިމުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް އީރާނަށާ އަދި އެމެރިކާއަށްވެސް އިލްތިމާސް ކުރައްވާފައެވެ. ކާޟީމީ ވިދާޅުވީ އިރާގުން ހުރިހާ ގައުމުތަކާއެކުވެސް ގުޅުންތައް ބާއްވާނީ އިރާގުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެގައުމުތަކުން ނުވަންނަ އުސޫލުގެ މަތިންކަމުގައެވެ. މިގޮތަށް ފާޅުކަން ބޮޑުގޮތެއްގައި ވިދާޅުވެ ކާޟިމީ ވަނީ އެމެސެޖް ވަރަށް ސާފުކޮށް އެމެރިކާއާއި އީރާނުގެ ލީޑަރުންނަށް ލިބޭގޮތަށް ވާހަކަ ދައްކަވާފައެވެ.

އިރާގަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އީރާނުވެސް އަދި އެމެރިކާވެސް އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުން ދާމައްސަލައެވެ. މީގެއިތުރުން އެމެރިކާއާ ގުޅިގެން އީރާނާ ކުރިމަތިލުމަށްޓަކައި އިރާގުގެ އެކި ސަރަހައްދުތަކަށް ސިއްރިޔާތުގައި އުދުވާނީ ހަމަލާތައްދޭ ކަމުގެ ތުހުމަތު އިސްރާއީލުގެ މައްޗަށްވެސްވަނީ ކުރެވިފައެވެ.

އަދި އެމެރިކާއާ ގުޅިގެން އީރާނާކުރިމަތިލުމަށްޓަކައި އިރާގުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާކަމުގެ ތުހުމަތު އެމެރިކާއަށް ބަރޯސާވާ ގަލްފުގެ ދެގައުމު ކަމަށްވާ ސައޫދީ އަރަބިއާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ގެ މައްޗަށްވެސްވަނީ ކުރެވިފައެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ މަސައްކަތް ކުރައްވަނީ އެމެރިކާ، އީރާން، ސައޫދީ، އަދި ޔޫއޭއީ ފަދަ ގައުމުތަކުން އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ސީދާގޮތުންނާއި ނުސީދާގޮތުން އިރާގުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށެވެ. ކާޟިމީ ވިދާޅުވާގޮތުގައި އިރާގުން ބޭނުންވަނީ ހުރިހާ ގައުމުތަކާއެކުވެސް އިރާގުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ ގޮތަށް ގުޅުންތައް ބަދަހިކުރާށެވެ.

މިކަމަށްޓަކައި އޭނާ އީރާނަށް ވަޑައިގެން ރައީސް އާ ބައްދަލުކުރައްވާފައިވާއިރު ކާޟިމީ ވަނީ ސައޫދީ އަށް ވަޑައިގަތުމަށްވެސް ނިންމަވާފައެވެ. ނަމަވެސް ކާޟިމީ ސައޫދީ އަށް ކުރެއްވުމަށް ހަމަޖެއްސެވި ދަތުރުފުޅު ސައޫދީ ސަރުކާރުގެ އެދުމުގެ މަތިންވަނީ ލަސްކޮށްފައެވެ. އެއީ ސައޫދީ ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ސައޫދީ ބުނެއެވެ.

އެމެރިކާ ސިފައިން އިރާގުގައި ތިބޭ ތިބުމަށް ނިމުން ގެނަސް އެމެރިކާގެ ނުފޫޒުން އިރާގު ސަލާމަތް ކުރުމަށްޓަކައި ކާޟިމީގެ ސަރުކާރުން ގެންދަނީ އެމެރިކާ ސަރުކާރާއެކު ސްޓްރެޓީޖިކް ވާހަކަ ތަކެއް ފަށަން ތައްޔާރުވަމުންނެވެ. އެމެރިކާ ސިފައިން އިރާގުގައި ތިބެނީ އިރާގަށް އައިއެސް ޖަމާއަތުގެ ނުރައްކާ އޮތްކަމަށް ބުނެ އެއީ އިރާގަށް އެކަނި ކުރިމަތިލެވޭ ވަރަށްވުރެ މާ ނުރައްކާތެރިކަމެއް ކަމަށްބުނެ ބަހަނާތައް ދައްކައިގެންނެވެ. (ނޫސްއެޖެންސީތައް)