22 Jul 2020, 11:06
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމަށް އެކުލަވާލި ހާއްސަ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިގެންވާ ބޮޑެތި ބާރުތަކެއް ހަނިކުރި މައްސަލާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމަށް ސަންސެޓް ގާނޫނެއް އެކުލަވާލައި މަޖިލީހުން ފާސްކުރީ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވި ކައުންސިލަރުންގެ ދައުރު ދިގުލައިގެން ދާތީ އެވެ. އެ ގާނޫނަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވަނީ އިސްލާހެއް ހުށަހެޅުއްވާފަ އެވެ. އެ އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިހާރު ކައުންސިލުތަކަށް އެއްޗެއްގައި ސޮއިކޮށްލުމުގެ ބާރުވެސް ނެތް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ގާނޫނުއަސާސީއިން ދައުރެއް ދައްމާލުމަށް ފަހު ކައުންސިލުތަކަށް ލިބިގެންވާ އެއްވެސް ބާރެއް ހަނިކުރެވިދާނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.
"ގާނޫނުއަސާސީއިން ދައުރެއް ދައްމާލުމަށް ފަހު އެ ދައުރުގެ ތެރޭގައި. މިސާލަކަށް އެއް އަަހރުގެ ތެރޭގައި ސޮއި ނުކުރެވޭނެ އެއްވެސް އެގްރިމެންޓެއް ކުރީގައި ސޮއިކުރެވުނު މިހާރު ސޮއި ނުކުރެވޭނެ އެއްވެސް އެގްރިމެންޓެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމު މިހާލަތުގައި އޮތް އިރު އަދި ރަށްރަށް ނިކަމެތި ހާލަތުގައި އޮތް އިރު ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހާއްސަ ގާނޫނުގެ ދަށުން އެރަށްރަށަށް އާމްދަނީ ލިބޭނެ މަގު ހަނިކުރަމުންދާ ކަމަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނުގެ ދަށުން ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިހުތިސާސް ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ރައުސުލްމާލެއް ވިއްކުމާއި ހަމަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި، އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރުމާއި، ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި، ދަރަންޏަށް ފައިސާ ދިނުމާއި، އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި، ސަޕްލިމެންޓްރީ ބެޖެޓް ފާސް ކުރުމާއި ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރެވޭނީ އެލްޖީއޭގެ ހުއްދަ ލިބިގެންނެވެ.
އޭގެ އިތުރުން މިހާރު އެ ގާނޫނަށް ހުށަހަޅާފައި އޮތް އިސްލާހަށްވެސް ޝިޔާމް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރަކަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ ހިންގުން ގާނޫނަކުން ހަވާލުކުރުން ހަމަ ނުޖެހޭ ކަމަށެވެ.
ޝިޔާމް އެހެން ވިދާޅުވި ނަމަވެސް މިހާރޫ ހިނގަމުންދާ ވަގުތީ ދައުރުގައި އެލްޖީއޭގައި މުޅިންވެސް ތިއްބަވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެމްބަރުންނެވެ. އެއީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހާއްސަ ގާނޫނުން ގެނެސްފައިވާ ބަދަލެކެވެ.
ޝިޔާމްގެ ވާހަކަފުޅުތަކާ ގުޅިގެން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ އިދިކޮޅުގެ މެމްބަަރުންނަށް ބިލުތަކުގައި ލިޔެފައި އޮތީ ކީކޭކަންވެސް ސާފުނުވާ ކަމަށެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ މިހާރު ހިނގުމަށް ހުރަސްތަކެއް ކުރިމަތި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާލަސްކަންފުޅާ އުޅުއްވާތީ ޖަލްސާތައް ނުބޭއްވިގެން ކަން އޭނާ ވިދާޅުވި އެވެ. އެހެންވެ އިމްރާނު ހާޒިރު ނުވި ނަމަވެސް އެލްޖީއޭގެ ޖަލްސާތައް ބޭއްވޭނޭ ގޮތް ހެދުން މުހިންމު ކަމަށް ފެންނާތީ ގާނޫނަށް އިސްލާހު ހުށަހެޅީކަން ވައްޑޭ ފާހަގަކުރެއްވި އެވެ.
މެމްބަރު ފިރުޝާން އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ ހަތްވަނަ މާއްދާގެ ފަހަތަށް އަކުރުތަކެއް އިތުރުކުރަން ވަނީ ހިމަނާފަ އެވެ. އެގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގެ ރައީސާއި ނައިބު ރައީސްއަކީ ކޮބައިކަން ވަނީ ކަނޑައަޅާފަ އެވެ. އިސްލާހުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއް ކަމަށެވެ. އަދި އެ އޮތޯރިޓީގެ ނައިބު ރައީސަކީ ބޯޑުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ ބޯޑުގެ މެމްބަރެއް ކަމަށް ވަނީ ބުނެފަ އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ރައީސް ކަމަށް ވަނީ އިސްލާހުގައި ބުނެފަ އެވެ. އަދި ރައީސް ނެތް ހާލަތުގައި ނައިބު ރައީސަށްވެސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އެ ދެ ފަރާތަށް ހާޒިރު ނުވެވޭ ހާލަތުގައި ބޯޑުން ކަނޑައަޅާ މީހަކު ރިޔާސަތު ބަލަހައްޓައިގެންވެސް ޖަލްސާ ބޭއްވޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ބޯޑުގެ ޖަލްސާތައް ބޭއްވޭނެ ހާލަތްތަކެއްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.