އިގްތިސޯދު ކުރިއަރާނީ ކޮވިޑް ކޮންޓްރޯލުކުރެވި ރާއްޖެއަކީ ރައްކާތެރި ތަނަކަށް ވެގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ލ. އަތޮޅާއި ގއ ވިލިނގިލީގައި ގާއިމް ކުރި ކޮވިޑް19 އަށް ފަރުވާދޭ ފެސިލިޓީ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ވާޗުއަލް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮވިޑަކީ ހަމައެކަނި ފުރާނަ އާއި ސިއްހަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

"މި ބަލިމަޑުކަމުން އަޅުގަނޑުމެން ރައްކާތެރިވާ މިންވަރަކުން އަޅުގަނޑުމެންގެ އިޖުތިމާއީ އިގްތިސޯދީ ކަންތައް ކުރިއަށްދަން އޮތީ. މި ގައުމަކީ ރައްކާތެރި ގައުމެއް ކަމަށް ބޭރު ދުނިޔެއަށް ފެނުމުން އަޅުގަނޑުމެންގެ އިގްތިސޯދުގެ މައި އިންޑަސްޓްރީ، ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ދާން އޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ފްރޮންޓް ލައިންގައި އަދި ފަހަތުގައިވެސް މަސައްކަތްކުރި ސިއްހީ ހިދުމަތްތެރިންނާއި އެހެން ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.

ކޮވިޑް19 އާއި ގުޅިގެން އަޅަންޖެހުނު ހުރިހާ ފިޔަވަޅެއް އަޅައި، މިކަމަށްޓަކާ ފާއިތުވި ހަޔެއްކަމަސް ހޭދަކޮށްދެއްވީތީ ރައީސް ސޯލިހަށްވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މީގެ އޮތުރުން ހެލްތު މިނިސްޓަރާއި މިނިސްޓަރުގެ ޓީމު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަދި ޓެގް ޓީމުގެ ޑޮކްޓަރުންގެ މަސައްކަތާއި ސިފައިންނާއި ފުލުހުން، އެލްޖީއޭ އަދި ޑިޒާސްޓާ މެނޭޖުމެންޓުގެ މަސައްކަތްވެސް ފަހަގަ ކުރައްވާ މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ ސިއްހީ ނިޒާމު ލާމަރުކަޒު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ކޮވިޑަށް ފަރުވާދިނުމަށް އަތޮޅުތެރޭ ހުޅުވޭ ފެސިލިޓީތަކަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް މާލެ ނައިސް ލިބޭނެ ތަންތަތަނަށް މުސްތަގުބަލުގައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.