22 Jul 2020, 00:43
ކޮވިޑް 19 އަށް ވެކްސިނެއް އީޖާދުވުމުން އެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ލ ގަން އަދި ގއ ވިލިނގިލީގައި ގާއިމް ކުރި ކޮވިޑަށް ފަރުވާދޭ ސެންޓަރުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވަހަކަ ދައްކވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ބަލިން ރައްކާތެރިވުމަށް ކުރާ މަސައްކަތް ކުރަނީ ދުރާލާ ރާވައިގެން ކަމަށާއި ވަކި ވަގުތަކަށް މަޑުނުކުރާ ކަމަށެވެ.
"އެގޮތުން ކޮވިޑް ބައްޔަށް ވެކްސިނެއް ހޯދިއްޖެ ހިނދެއްގައި ރާއްޖެއަށް އަވަހަށް ވެކްސިން ލިބޭނެގޮތް ފަހިކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށައިގެން މިހާރު ކުރިއަށް އެބަގެންދަވާ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޑަބްލިޔުއެޗްއޯ އިން އިސްނަގައިގެން ފެށި "ކޯލް ފޯ އެކްޝަން" ގައި އެންމެ ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭ ރާއްޖެ ހިމެނޭ ކަމަށާއި، އެ ޕްރޮގްރާމުގައި ބައިވެރިވީ ރާއްޖެ ފަދަ ވަސީލަތް މަދު ގައުމަކަށް ވެކްސިނެއް ހޯދުމުގެ މުހިއްމުކަން ވަޒަންކުރެވޭތީ، ދުރާލާ ކުރެވުނު މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ވެކްސިނެއް އުފެއްދިއްޖެ ހިނދެއްގައި ރާއްޖެއަށް ވެކްސިން ލިބޭނެ އެހެން މަގުތައްވެސް ބަލަައި، ޑަބްލިއުއެޗްއޯއާއެކު މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
"ދުނިޔެއަށް ކޮވިޑްގެ ވެކްސިނެއް ހޮދިއްޖެ ހިނދެއްގައި އެންމެ އަވަހަށް ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އިރާދަ ކުރެއްވިއްޔާ ލަސްތަކެއް ނުވެ އެހާ ހިސާބަށް ދުނިޔެ ދަތުރުކުރާނެކަމީ އަޅުގަނޑުމެން އެންމެންގެވެސް އުއްމީދު،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް19 އިން ސަލާމަތްވުމަށް ރާއްޖެއިން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މި ބައްޔާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް އެހެން ގައުމުތަކާ އަޅާބަލާއިރު ފުރިހަމަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޒަމާނީ މުއާމަލާތުގެ އެހީގައި ރާއްޖޭގައި ބޭސްފަރުވާގެ ކަންތައް ކުރިއަށް ގެންދިޔުން ތަރައްގީ ކުރައްވާނެ ކަމަށެވެ. ޓެލެމެޑިސިން އަކީ މުހިއްމު ހިދުމަތެއްކަން ކޮވިޑްގެ ހާލަތުގައި އެނގިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.