22 Jul 2020, 00:59
ކޮވިޑަށް ފަރުވާ ދެވޭވަރަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ގާއިމްކުރި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވައިފިއެވެ.
ވާޗުއަލްކޮށް މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ދެ ފެސިލިޓީ އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.
އޭގެ ތެރެއިން ގއ. އަތޮޅު ހޮސްޕިޓަލްގައި ގާއިމްކުރި ފެސިލިޓީއަކީ މުޅި ހުވަދު އަތޮޅުގެ މީހުންނަށް ފަރުވާދޭން ހާއްސަކުރި ފެސިލިޓީއެކެވެ. އަދި ގަން ފެސިލިޓީ ހާއްސަ ކޮށްފައިވަނީ މ.ފ.ދ.ތ. އަދި ލ. އަތޮޅުގެ ރައްޔިތުން ކޮވިޑަށް ފަރުވާ ދިނުމަށެެވެ.
ގއ. ވިލިނގިލީ ފެސިލިޓީގައި އައިސީޔޫގެ 23 އެނދާއި އައިސޮލޭޝަނަށް 6 އެނދު އަދި ކަރަންޓީނުކުރަން 14 އެނދު ވަނީ ހާއްސަކޮށްފައެވެ.
ގަން ރީޖަނަލް ކޮވިޑްގެ ފެސިލިޓީގައި އައިސީޔޫއަށް 20 އެނދު ހާއްސަ ކޮށްފައިވާއިރު އައިސޮލޭޝަނަށް 15 އެނދު އަދި ކަރަންޓީނު ފެސިލިޓީއަށް 12 އެނދު ހިމެނެ އެވެ.
ކޮވިޑަށް ޓެސްޓްކުރަން ގަން ހޮސްޕިޓަލްގައި ވަކި ލެބޯޓްރީއެއް ގާއިމްކޮށް ޖީން އެކްސްޕާޓް މެޝިނެއް ވަނީ ބަހައްޓައިފަ އެެވެ. އެ މެޝިނުން ދުވާލަކު 48 ޓެސްޓް ހެދޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވީ ކޮވިޑަށް ޓެސްޓްކުރަން ބޭނުންވާ ޖީން އެކްސްޕާޓް މެޝިން މިމަހު ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.
ޓްރާންސިޓް ދެ ފެސިލިޓީއާއެކު އަތޮޅު ތެރޭގައި ކޮވިޑަށް ފަރުވާ ދެވޭނެ ހަތް ތަނެއް ވަނީ ހާއްސަކޮށްފައެވެ.
އޭގެ ތެރެއިން ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ ރަސްމީކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވައިފަ އެެވެ.