ދުނިޔޭގައި ކޮވިޑް އެންމެ ބާރަށް މިހާރު ފެތުރެމުންދާ އެއް ގައުމު ކަމަށްވާ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ކޮންމެ ހަތަރު މީހަކުން އެކަކަށް ކޮވިޑް ޖެހިފައިވާކަމަށް އެންޓިބޮޑީ ޓެސްޓްތަކުން ދައްކައިފި އެވެ.

އިންޑިއާގެ ސަރުކާރުން ކުރި ދިރާސާއެއްގައި ނިއުދިއްލީން ނެގި 21،387 ލޭ ސާމްޕަލުން 23.48 ޕަސެންޓް މީހުންގެ ގައިން އެންޓިބޮޑީސް ފެނިފައިވެ އެވެ.

އެހެންކަމުން ކުރިން އަންދާޒާ ކުރިވަރަށް ވުރެ ނިއު ދިއްލީން ކޮވިޑް ޖެހުނު މީހުންގެ އަދަދު ގިނަވާނެ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފަ އެވެ.

ދިއްލީގެ އާބާދީގައި 19.8 މިލިއަން މީހުން ހިމެނޭއިރު 123،747 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ވަނީ ރެކޯޑްކުރެވިފަ އެވެ. މިއީ އާބާދީގެ އެއް ޕަސެންޓެވެ.

އާ ދިރާސާއާއެކު ދިއްލީން 4.65 މިލިއަން މީހުންނަށް ބަލި ޖެހިފައިވާކަމަށް ވަނީ ބެލެވިފަ އެވެ. ސަރުކާރުން ނެރުނު ޕްރެސް ރިލީޒްއެއްގައި ބުނީ ބަލި ޖެހުނު ގިނަ މީހުންގެ ގައިން އަލާމާތް ނުފެންނަ ކަމަށެވެ.

މިއީ މުޅި އިންޑިއާގައިވެސް ހެދި އެފަދަ ފުުރަތަމަ ދިރާސާއެވެ. ތަޖުރިބާކާރުން ބުނީ އެ ދިރާސާއާއެކު ކޮވިޑް ފެތުރޭގޮތް ކުރިއަށްވުރެ ބޮޑަށް އެނގޭނެ ކަަމަށެވެ.

އިންޑިއާގައި ކޮރޯނާ އެންމެ ބޮޑަށް ފެތުރެމުންދާ ސަރަހައްދުތަކުގެ ތެރޭގައި ދިއްލީ ހިމެނެއެވެ. އަދި އެޑްމިޓްކުރަން އެނދުތައް މަދުވުމުގެ މައްސަލަވެސް ވަރަށް ބޮޑަށް ދިއްލީގައި ކުރިމަތިވި އެވެ. ނަަމަވެސް ފަހުން ވަނީ އެ ކަންކަން ހައްލުކޮށްފަ އެވެ. އަދި ދިއްލީން ދުވާލަކު ފެންނަ ކޭސްގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

މީގެ ކުރިން 1200- 1600 އާ ކޭސް ދުވާލަކު ފެނުނަސް މިހާރު ފެންނަމުންދަނީ ދުވާލަކު 954 ކޭސްއެވެ. --ބީބީސީ--