މަގާމުން ދުރުކޮށްފައިވާ ސޫދާންގެ ކުރީގެ ރައީސް އޮމަރު އަލް ބަޝީރު 1989 ވަނަ އަހަރު ބަޣާވާތަކުން ވެރިކަމަށް އައިގޮތް ބަލަން ފަށައިފި އެވެ.

އެކަމާ ގުޅޭ ޝަރީއަތް އިއްޔެ ފެށިއިރު އެ ޝަރީއަތް ވަނީ ލައިވްކޮށް ގެނެސްދީފަ އެވެ.

އެ މައްސަލަ ސާބިތުވެއްޖެ ނަމަ އެމަނިކުފާނަށް މަރުގެ ހުކުމް އަންނާނެ އެވެ.

އެ މައްސަލަގައި މިލިޓަރީ ލީޑަރުންނާއި ދީނީ އިލްމުވެރިން އަދި އާންމުން ހިމެނޭ ގޮތަށް އިތުރު 27 މީހެއްގެ މައްސަލަ ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

އުމުރުން 76 އަހަރުގެ ބަޝީރު މިހާރު ވެސް ހުންނެވީ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ ދެ އަހަރުގެ ޖަލުގެ ހުކުމެއްގަ އެވެ.

ބަޝީރުގެ ވެރިކަން ވެއްޓުނީ މިދިޔަ އަހަރު އެގައުމުގައި ކުރިއަށް ދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ.

ސޫދާންގެ ދާފޫރުގައި އެގައުމުން ހިންގައިފައިވާ ގަތުލް އާންމާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ވެސް ބަޝީރުގެ ފަސް މައްސަލައެއް އެބައޮތެވެ. ސޫދާންގެ ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ބުނީ އެ މައްސަލަތަކާ ގުޅިގެން އެ ކޯޓަށް ބަޝީރު ހާޒިރުކުރުވާނެ ކަމަށެވެ.

ދާފޫރުގައި 2003އާއި 2008 އާ ދެމެދު ހިންގި ގަތުލް އާންމުގައި 300،000 މީހުން މަރާލައިފައިވާ ކަމަށް އދ. އިން އަންދާޒާ ކުރެއެވެ.