އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ކަސްޓަމްސް ތަފާސް ހިސާބުތަކުން ދައްކަނީ އުފާވެރި މަންޒަރެއް ކަމަށާއި އިއްޔެ ސަރުކާރު ބަންދުވި އިރު، ޒަރޫރީ ބައެއް މުދަލުގެ ޑިއުޓީ ކުޑަކުރެވިފައި ވުމުން މި އަހަރު ތަކެތީގެ އަގު ދަށްވެގެންދާނެކަން ކަށަވަރު ކަމަށް ރައީސް ލް ޖުމްހޫރިއްޔާމުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރޭޑިއޯ ތަގުރީރުގައި ރައީސް ވިދާޅުވީ އަހަރު ފެށުނީ ވަރަށް އުންމީދީ، ބާއްޖަވެރި އަހަރެއްގެ ގޮތުގައި ކަމަށާއި ދިރިއުޅުމުގެ އަސާސީ ބާވަތްތަކުން ސަރުކާރަށް އިމްޕޯޓް ޑިއުޓީ ނެގުން ހުއްޓާލުމާއި އާސަންދަ ދިވެހިންނަށް ލިބިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރު މިހާތަނަށް ވިޔަފާރިވެރިން އެތެރެކުރި ޑިއުޓީ ފްރީ 24 އައިޓަމެއް ފާހަގަކުރެވޭ ކަމަށެވެ. އަދި ޑީސަލާއި ޕެޓްރޯލާއި ކާޑުގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާ އާއި ކުކުޅުބިހާއި ކިރުގެ ބާވަތްތަކުން ޑިއުޓީ ނަގާފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިދެންނެވި ތަކެތި ރާއްޖެ އެތެރެކުރީ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިނަމަ، އޭގެ ޑިއުޓީގެ ގޮތުގައި ސަރުކާރަށް ވިޔަފާރިވެރިން ދައްކަންޖެހޭނެ، ޖުމްލަ އަގު ސާދަ މިލިއަން ތިންލައްކަ ފަސްދޮޅަސް ހަތަރުހާސް ހަސަތޭކަ ނަވާރަ ރުފިޔާ ހަތްދިހަ ނުވަލާރިއަށް އަރާ. ނަމަވެސް، މިއަހަރު މިވަނީ އެތަކެތީގެ ޑިއުޓީ ފްރީވެފައި. އަދި އެއާއެކު ރުފިޔާއަކުން 6 ލާރި ނަގާ ޖީއެސްޓީ ވެސް މިބާވަތްތައް ވިއްކާއިރު، ނަގަމުން ނުދާތީ، މުދަލާއި ޚިދްމަތުގެ އަގު، އަތްފޯރާ އަގަށް ގެނައުމުގެ ވައުދު، ވަށާޖެހެމުންމިދާ އިގްތިސާދީ ޒަމާނީ ނިޒާމުގެ ތެރެއިން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ކަށަވަރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށްވަނީ ލިބިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.


ބޭސް ސިޓީއަށް ސަލާންޖެހުމުން އަރައިގަނެވުމުން ދެން ލިބޭނެ ނުހަނު ގިނަ އެހެނިހެން ފައިދާތައް ހުންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އާސަންދައިގެ ސަބަބުން އަނބިންނާއި ފިރިންނާއި ދަރިންނާއި މައިންބަފައިންގެ ބޭސްފަރުވާގެ ހާސްކަން ފިލައިދިޔުމަކީ ހިތާއި ނަފްސަށް ފިނިކަން ލިބި، އެންމެންގެވެސް ޖީބަށް ލިބޭނޭ ވަރަށްބޮޑު ލުޔެއް ކަމަށެވެ.

އާސަންދަ ތައާރްފްކުރުމާ އެކު ސިއްހީ ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު އޭގެ ތަފާސްހިސާބުތައް ދެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އާސަންދަ އިއުލާންކުރުމުގެ ކުރިން، ޑިސެމްބަރު 1 ން 22 އަށް އެވްރެޖްކޮށް ދުވާލަކަށް ނިންމަނީ 425 އައިޑީ ކާޑު ކަމަށާއި ނަމަވެސް ޑިސެމްބަރު 23 ން އެ މަހުގެ ނިޔަލަށް އެވްރެޖްކޮށް ދުވާލަކު 741 ކާޑު ނިންމަން ޖެހުނު ކަމަށެވެ. އަދި އިއްޔެ ސަރުކާރު ބަންދުވީއިރު، މި މަހު ނިންމަންޖެހުނު އައިޑީ ކާޑުގެ ދުވާލެއްގެ އެވްރެޖް 798 އަށް ވަނީ މަތިވެފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އާސަންދައިގެ ޚިދުމަތް ލިބެނީ އައިޑީ ކާޑު ދެއްކުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި މި އާ ނިޒާމްގެ ސަބަބުން އާމްދަނީ ޖީބުގައި ހިފެހެއްޓި، އިތުރުވެގެން ދިޔުމަކީ އެކަމުގެ ހެޔޮ އަސަރު އާއިލާ އާއި ވަށައިގެންވާ މާހައުލުން ފެނިގެންދާނެ ކަމެކެވެ. އަދި ކުރިން ނުވެ ހުރި އެތައް ކަމެއް ކުރެވި، "ހަޔާތުގެ އާބާތުރަ ފިލުވައިލުމަށް މި ނިޒާމް އެހީތެރިވާނެ" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސިއްހީ ޚިދްމަތްދޭ ފަރާތްތަކުގެ ބިލްތަކަށް ފައިސާ ލިބޭނޭ ނިޒާމް ސަރުކާރުން ހިންގަން ފެށުމުން ފެންވަރު ރަނގަޅު އަދި ބަލިމީހުންނަށް އޯގާތެރި ޚިދްމަތެއް ރައްޔިތުންނަށް ފޯރުކޮށްދިމުމަށް އެ ފަރާތްތަކަށް ރައީސް އިލްތިމާސްކުރެއްވި އެވެ.