21 Jul 2020, 20:35
ވ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގި މައްސަލާގައި 22 ބިދޭސީ އަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 22 ބިދޭސީ މަސައްކަތްތެރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ރޭ ބުނީ ހަމަނުޖެހުންތަކުގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށެވެ. ފުލުހުން އެރަށަށް ދިޔައީ ވ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގައި އެ ރިސޯޓުގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް މަސައްކަތަށް ހުރަސް އަޅައި އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގަމުންދާކަމުގެ މައުލޫމާތު ލިބިގެން ކަމަށްވެސް ފުލުހުން ރޭ ބުންޏެވެ.
ފުލުހުން ރޭ ބުނީ ދިމާވެފައިވާ މައްސަލަ ހައްލު ކުރަން އެ ބިދޭސީންގެ ސްޕޮންސަރުން އެ ބިދޭސީންނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މި މަހުގެ ތެރޭގައި ބ. ބޮޑުފިނޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރި ބިދޭސީންތަކެއް ވަނީ މުސާރަ ނުދީގެން ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާވެސް ދީފައެވެ. އެ މައްސަލައާ ގުޅިގެން 19 ބިދޭސިއަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް ފުރަތަމަ 15 ދުވަސް ޖަހައި މުއްދަތު ހަމަވުމުން އިތުރު 15 ދުވަސް ވަނީ ޖަހައިފައެވެ.
ބޮޑުފިނޮޅުގެ ހާދިސާއަށް ފަހު މާލެއާއި ހުޅުމާލޭގައިވެސް ބިދޭސީން ވަނީ އިހުތިޖާޖުކޮށްފައެވެ. އެގޮތުން ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓުތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއްވެސް ވަނީ މުޒާހަރާކޮށް ފުލުހުންނަށް ހަމަލާ ދީފަ އެވެ.