21 Jul 2020, 17:31
އާންމު ހިދުމަތް ފޯރުކޮށްދިިނުމަށް ނުވަތަ މުހިއްމު ހިދުމަތެއް ދިނުމަށް ބޭނުންވާ ޒަރޫރީ މަސައްކަތް ކުރުމަށް 14 ދުވަހަށް ވުރެ ކުރު މުއްދަތަކަށް ރާއްޖެއިން ބޭރުން މީހުން ގެނެވިދާނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު އިސްލާހުކޮށް އާންމުކުރި، ކޮވިޑް19 ގެ ހާލަތުގައި އާންމު ހިދުމަތް ދިނުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލު ކުރަންވީ އުސޫލުގައި ބުނީ މަސައްކަތް ކުރުމަށް ކުރު މުއްދަތަކަށް ރާއްޖެ އައުމަށް ބޭނުންވާ މީހުން ނުވަތަ މީހާ ރާއްޖެ އައުމުގެ ކުރިން އެޗްޕީއެގެ ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ.
އަދި މި ހުއްދަ ނަގަންވާނީ އެމީހަކު ރާއްޖެ ގެންނަ ފަރާތުން ނުވަތަ މުވައްސަސާ މެދުވެރިވެގެން ކަމަށް ބުނެފައިވެއެވެ.
ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ވަނީ އަލުން ހުޅުވާލައިފައެވެ. ރާއްްޖެއަށް އަންނަ ފަތުރުވެރިން، އެމީހަކު ހުންނަ ރިސޯޓަކަށް ދާން ޖެހޭއިރު، އެ ރިސޯތު ފިޔަވާ އެހެން ރިސޯޓަކަށް މި ހާލަތުގައި ނުދެވޭނެއެވެ. ރާއްޖެ އިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން އަދި އެމީހުންގެ ޑިޕެންޑެންޓުންވެސް ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ.
ކޮވިޑް19ގެ ކޮމިޔުނިޓީ ސްޕްރެޑެއް މާލޭގައި އޮތްއިރު މާލެއިން ރަށްރަށަށް ދެވެނީ އެޗްޕީއެގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި ރަށަށް ގޮސް ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ. ނަމަވެސް ހާއްސަަ ހާލަތުގައި ޒަރޫރީ ހިދުމަތް ފޯރުކޮށްދިނުމަށް އެޗްޕީއޭގެ އުސޫލުގެ ދަށުން މާލެއިން ރަށްރަށަށް ދެވެނެ އުސޫލެއް ވަނީ އާންމުކޮށްފައެވެ.
މި އުސޫލުގެ ދަށުން ކަރަންޓީނު ނުވެ ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް މާލެއިން ރަށްރަށަށް ދެވިދާނެއެވެ.
އާންމު ހިދުމަތެއް ދިނުމަށް، ކޮވިޑް ފެތުރިފައިވާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ މީހުން، ދަތުރު ކުރުމުގެ ކުރިން ހުއްދަ އޮތްކަން ކަށަވަރުކުރަން ޖެހޭނެ އެވެ. އަދި ދަތުރުކުރަން ޖެހޭނީ ވެސް އެ ހުއްދަ ހިފައިިގެންނެވެ.
މީގެ އިިތުރުން ދަތުރުކުރާއިރު އާއި މަސައްކަތުގައި އުޅޭއިރު އުޅެންޖެހޭނީ މާސްކް އަޅައިގެންނެވެ. ރަށަށް ދިއުމަށް ފަހު ސީދާ މަސައްކަތް ކުރާ ތަން ނުވަތަ ހުރުމަށް ހަމަޖެހިފައިވާތަން ފިޔަވައި އިތުރު އެހެން ތަންތަނަށް، ޒަރޫރީ ހާލަތެއްގައި މެނުވީ ގޮސްގެން ނުވާނެ އެވެ.
ރަށުގެ އެހެން މީހުންނާ ބައްދަލުކޮށް ހެދުމާއި، ރެސްޓޯރަންޓު ފަދަ ތަންތަނަށް ނުދިއުމަށާއި އެޗްޕީއޭ އިން ދީފައިވާ އާންމު އިރުޝާދުތަކަށް ބޯލަނބައި ސާފުތާހިރު ކަމަށް އިސްކަން ދޭންޖެހޭނެ އެވެ.