ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ހިސާބަށް ކަންކަން އަދި ނުދާ ކަމަށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މަހްލޫފުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެ މައްސަލަ ވެއްދުމަށްޓަކައި، އާޒިމް މެމްބަރުންގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

ނަމަވެސް އަލީ އާޒިމް އެވާހަކަތައް ދޮގު ކުރައްވަ އެވެ.

އެކަމާ ގުޅޭގޮތުން އާޒިމް "ސަން" އަށް ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. އަދި އެހެން ބަޔަކުވެސް އޭނާއަށް އެނގިގެން މަހްލޫފުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަސައްކަތް ނުކުރައްވާކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިގެން ތިފަދަ އެއްވެސް ކަމެއް ނުހިނގާ. އަދި އިތުބާރު ނެތް ކަމުގެ ވޯޓު ވައްދާ ހިސާބަށް ކަންކަން ނުވެސްދޭ،" އަލީ އާޒިމް ވިދާޅުވި އެވެ.

މަހްލޫފުގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް އާޒިމް ތާއީދު ކުރައްވާފާނަންތޯ، ސުވާލުކުރެއްވުމުންވެސް އާޒިމް ވިދާޅުވީ، އަދި އެފަދަ ހާލަތެއް ނާންނަ ކަމަށެވެ.

އެފްއޭއެމްގެ އިންތިހާބު ލަސްކުރުމަށް އެންގި މައްސަލައާ ގުޅިގެން މަހްލޫފު މިއަދު ވަނީ، މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާފަ އެވެ. މަހްލޫފު ވިދާޅުވީ، އެފްއޭއެމް އިލެކްޝަންގެ ކަންތަކުގައި އެ އިދާރާގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް އުޅުއްވަނީ އޭނާ ލައްވައި "ވަރަށް ހަޑި ކަންތައްތަކެއް ކުރުވަން" ކަމަށެވެ.

"އެފްއޭއެމް އިލެކްޝަން ކަންތަކުގައި ހަގީގަތުގައި އަޅުގަނޑު ވަރަށް ދެރަވޭ އަޅުގަނޑުމެންގެ ޕީޖީ ލީޑަރު އަލީ އާޒިމް މިކަންތައް ކުރަށްވާ ގޮތުން. ހަމަ ވަރަށް ދެރަވޭ. ދެރަވާ ސަބަބަކީ އެންމެ ރަނގަޅަށް މިކަން އެނގިވަޑައިގެން ހުންނަވާ އަޅުގަނޑު ލައްވާ ވަރަށް ހަޑި ކަންތައްތަކެއް ކުރުވަން މަސައްކަތްކުރާތީ،"މިއަދު ތަޅުމުގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފު ވިދާޅުވެފައިވެ އެވެ.