21 Jul 2020, 15:08
ލަންޑަން (ޖުލައި 21) : ކޮވިޑް-19 އާ ދެކޮޅަށް އުފައްދަން މަސައްކަތްކުރާ ވެކްސިންތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދައި ތަޖްރިބާކުރަމުން ގެންދާ ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ގާތްގަނޑަކަށް ލިބިއްޖެ ކަމަށް އެ ޔުނިވާސިޓީގެ ކަމާ ބެހޭ ސައެންސްވެރިންގެ ޓީމުން ބުނެފި އެވެ.
އެޓީމުގެ ފަރާތުން ވާހަކަ ދެއްކެވި ސެއެންޓިސްޓެއް ކަމަށްވާ ޑރ. އެންޑްރޫ ޕޮލާޑް ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ "ChAdOx1 nCoV-19"ގެ ނަމުން ނަންދީފައިވާ އެވެކްސިން ކާމިޔާބުވާނެކަން ގާތްގަނޑަކަށް ކަށަވަރުވެގެން ދިޔައީ އެއީ އިންސާނުންގެ ހަށިގަނޑަށް ދޭން ސޭފް އެއްޗެއްކަން މިހާތަނަށްކުރި ހުރިހާ ތަޖްރިބާތަކުން ވެސް ޔަގީންވެގެން ދިޔުމާއި އަދި އެވެކްސިން ތަޖްރިބާކުރުމުގެ ގޮތުން ޖެހި ވޮލަންޓިއަރުންގެ ހަށިގަނޑުގައި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީސް އުފެދުނުކަން ޔަގީން ވުމުންނެވެ.
ޑރ. ޕޮލާޑް ވިދާޅުވި ގޮތުގައި ވެކްސިން ދިން 1077 މީހުންގެ ހަށިގަނޑުންވެސް ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީސް އާއި ޓީސެލްތައް ވަނީ އުފެދިފަ އެވެ. ދެން އޮތީ މިއީ ކޮވިޑް-19ގެ ވައިރަސް އިންސާނުންގެ ހަށިގަނޑަށް ވަނުމާއެކު އެވައިރަސްއަށް ހަމަލާދީ އެވައިރަސް މަރާލުމުގެ ބާރާއި ގާބިލްކަން އެންޓިބޮޑީސް އަށް ލިބިފައިވަނީ ކިހާމިންވަރަކަށް ކަން ދެނެގަތުމުގެ މަސައްކަތެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ސައެންސްވެރިން
އެކަމަށް އަދި މުއްދަތެއް ނަގާނެކަމަށާއި އެކަން ބެލުމަށް ޓަކައި ތަޖްރިބާގައި ބައިވެރިވާ ވޮލަންޓިއަރުންގެ ތެރެއިން 10 މީހަކަށް ވެކްސިންގެ ދެވަނަ ޑޯޒެއް ދީގެން ދިރާސާތައް ކުރިޔަށް ގެންދާކަމަށް އޭނާ ވިދާޅުވި އެވެ.
"ChAdOx1 nCoV-19"ގެ ނަމުން ނަންދީފައިވާ ވެކްސިން އުފެއްދީ ރާމާމަކުނުގެ ތެރޭގައި ހިމެނޭ ޗިންޕަންޒީއަށް އަރިދަފުސް ރޯގާ ޖައްސާ ވައިރެހަކުން ކަމަށާއި އެ ވައިރަސްގެ ޖީން އަށް ބަދަލުގެނައުމުން އެއީ ކޮވިޑް-19 ޖައްސާ ބާވަތުގެ ކޮރޯނާ ވައިރަސްއާ ދާދިއެއްގޮތް ވައިރަސްއަކަށް ވެގެންދިޔަކަމަށް ޑރ. ޕޮލާޑް ވިދާޅުވި އެވެ.
ވައިރަސްއާ ދެކޮޅަށް ހަށިގަނޑުގައި އުފައްދާ އެންޓިބޮޑީސްއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން އުފައްދާ ވަރަށް ކުދިކުދި ޕްރޮޓީންތަކެއްކަމަށާއި ނަމަވެސް އެއީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ވައިރަސްތަކާ ދެކޮޅަށް އުފައްދާ އެތައް ބައިވަރު އެއްޗެތީގެ ތެރެއިން އެކަތިކަން ޑރ. ޕޮލާޑް ފާހަގަ ކުރެއްވި އެވެ. އަދި ޓީސެލްތަކަކީ ހަށިގަނޑުގެ ދިފާއުގައި ވައިރަސްއާ ދެކޮޅަށް ދިފާއީ ނިޒާމުން އުފައްދާ ލޭގެ ވައިޓް ސެލެތަކެއް ކަމަށާ ޓީ ސެލްތައް މަސައްކަތްކުރާނީ ދިފާއީ ނިޒާމު ވިލަރެސް ކުރުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮކްސްފޯޑު ޔުނިވާސިޓީން އުފެއްދި ވެކްސިން ދިން ވޮލަންޓިއަރުންގެ ތެރެއިން 70 ޕަސެންޓް މީހުން އޭގެ ސައިޑް އިފެކްޓާ ކުރިމަތިލާންޖެހުނު ކަމަށްވެ އެވެ. ސައިޑްއިފެކްޓްގައި ފާހަގަ ކުރެވުނު އެންމެ ބޮޑު މައްސަލައަކީ ވެކްސިން ދިން މީހުން ހުންއައުން ކަމަށާއި ޕެރިސެޓަމޯލް ދީގެން އެކަން ރަނގަނޅު ކުރެވުނުކަމަށް ޑރ. ޕޮލާޑް ވިދާޅުވި އެވެ. (ބީބީސީ)