ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރުނު ފުރަބަންދުގެ އަމުރާ ހިލާފުވެގެން ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސް، ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގް އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ޕީޖީ ހުސައިން ޝަމީމް ނިންމަވައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިގޮތަށް ނިންމީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ)، (ށ) އަދި (އ) އިން ބާރު ލިބިގެން ކަމަށެވެ.

އެގޮތުން، ލޮކްޑައުން އާ ހިލާފުވި މައްސަލަތަކުގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް ޕީޖީ ވަނީ ނިންމަވައިފަ އެވެ.

  • ލޮކްޑައުން އަމުރާ ހިލާފުވެގެން ދައުވާކޮށް ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަތައް އަނބުރާ ގެނެސް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަނބުރާ ފޮނުވާލުން.

  • ލޮކްޑައުން އަމުރާ ހިލާފުވެގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކޮށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ނިންމައި މައްސަލަތައް އެ ސާވިސްއަށް އަނބުރާ ފޮނުވާލުން.

  • ލޮކްޑައުން އަމުރާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ތަންފީޒުކޮށް އެފައިސާ ހޯއްދެވުމަށް ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމަށް، ދައުލަތުގެ މުއައްސަސާތަކުގައި ދެންނެވުން.

ޕީޖީ އޮފީހުން ބުނީ މައްސަލަތަކުގައި ދައުވާ ނުކުރަން ޕީޖީ ނިންމެވީ ލޮކްޑައުން އަމުރާ ހިލާފުވެގެން ފިޔަވަޅު އެޅޭ ހުރިހާ މީހުންނާމެދު ހަމަހަމަ އުސޫލަކުން އަމަލުކުރުމަކީ ދުސްތޫރީ
ގޮތުން ލާޒިމުކަމެއް ކަމަށް ވާތީ އެވެ.

ލޮކްޑައުން އަމުރާ ހިލާފުވި މީހުންގެ ތެރޭގައި، އެކިއެކި ސަބަބުތަކާހުރެ، މާލޭގައި ތާށިވެފައިތިބި މީހުން ތިބިއިރު، އެމީހުން ލޮކްޑައުން އަމުރާ ހިލާފުވާން ޖެހުނު މަގުބޫލު ސަބަބުތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އެ ސަބަބުތައް ހުރީތީ، އެކަމުގެ މައްޗަށް ބަލައި، ޖިނާއީ ކުށުގެ ރެކޯޑެއް އުފަން ކުރުމުގައި މުޖްތަމައުގެ އާންމު މަސްލަހަތެއް އޮތްކަމަށް ނުފެންނަ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

"ހަމައެއާއެކު ކޮވިޑް19 އާ ގުޅިގެން ދައުލަތާއި ވިޔަފާރިތަކާއި މުޅި ރާއްޖެ ހުއްޓުމަކަށް އައިސް، އެތައް ބައެއްގެ ވަޒީފާ ގެއްލި، ނިކަމެތިވެފައިވާ ދަނޑިވަޅެއްގައި، އެހާލަތުގެ ތެރެއިން އުފެދިގެން އައި ކަމެއްގައި ޖިނާއީ މައްސަލައެއްގެ ތެރެއިން ކުށުގެ ރެކޯޑެއް އުފަންކުރުމަކީ މިވަގުތަށް މުޖްތަމައުގެ އާންމު މަސްލަހަތު އޮތް ކަމެއް ކަމަށް ނުފެންނެ އެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ލޮކްޑައުން އާ ހިލާފުވި މީހުންނަށް ދައުވާ ނުކުރަން ނިންމި ނަމަވެސް، އަމުރާ ހިލާފުވެގެން ކުރި ޖޫރިމަނާގެ ކަންކަން، ހަރުދަނާކަމާއެކު ހަމަ އެގޮތުގައި ތަންފީޒުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް އެންގުމަށް ވެސް ޕީޖީ ވަނީ ނިންމަވައިފަ އެވެ.

ޕީޖީ އޮފީހުން ބުނީ އެގޮތަށް ނިންމާފައި ވަނީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ކ) ގެ ދަށުން، ބަންޑާރަ ނައިބު ނެރުއްވާފައިވާ، ޕްރޮސެކިއުޓާ ޖެނެރަލް އަމަލުކުރައްވަންޖެހޭ މައިގަނޑު ސިޔާސަތުގެ "ދައުވާކުރުމާއި، ނުކޮށް ދޫކޮށްލުމާއި، ދައުވާ މުރާޖައާކުރުން" މިސުރުހީގެ އެއް ވަނަ ނަންބަރުގައި، "ޖިނާއީ އަދުލުގެ ނިޒާމުގެ މައިގަނޑު އަސާސަކީ، މީހުންނަށް އަދަބު ދިނުންކަމަށް ނުވާ ގޮތަށް، ވީ ވަރަކުން، އަލަށް ކުށްކުރާ ހާލަތުގަ އާއި، ކުށުގެ އަމަލުގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ނުލިބޭ ބާވަތުގެ މައްސަލަތަކުގައި، ޖިނާއީ ކުށުގެ ދައުވާ އުފުލުމަކާ ނުލައި، ގާނޫނުގައި ކަނޑައަޅައިދީފައިވާ އެހެނިހެން ގޮތްގޮތުން މައްސަލައިގައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކޮށް ހިންގުން" ކަމަށް އޮންނާތީ ކަމަށެވެ.

އެހެން ކަމުން "ލޮކްޑައުން އަމުރާ ހިލާފުވެގެން ކުރި ޖޫރިމަނާގެ ކަންކަން، ހަރުދަނާކަމާއެކު ހަމަ އެގޮތުގައި ތަންފީޒުކުރުން، މިވަގުތަށް އާންމު މަސްލަހަތަށް ބަލާއިރު، ރަނގަޅުކަމަށް ފެންނަ،" ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ ޕީޖީގެ މި ނިންމެވުމާ ގުޅިގެން ލޮކްޑައުން އަމުރާ ހިލާފުވެގެން ޝަރުއީ ކޯޓުތަކަށް ހުށަހެޅި ޖިނާއީ އެންމެހައި ދައުވާތައް ކޯޓުން އަނބުރާ ގެނެސް ފުލުހުންނަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުން މިހާރު އަންނަ ކަމަށެވެ.