21 Jul 2020, 11:33
ބޭންކް އޮފް މޯލްޑިވްސްއިން 40 ކޭޝް އެޖެންޓުންނާއެކު އަތޮޅުތެރޭގައި ކޭޝް ޑިޕޮސިޓް އަދި ޕޭމަންޓް ސަރވިސްގެ ހިދުމަތް ފުޅާކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ މި ހިދުމަތާއެކު ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާއާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ހިދުމަތަކީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސްޓެރެޓެޖީގެ ދަށުން ކާމިޔާބުކަމާއެކު ހިދުމަތް ދެވެމުންދާ މޮޑެލްއެއް ކަމަށެވެ.
"އޭޓީއެމްއެކޭ އެއްފަދައިން ކަސްޓަަމަރުންނަށް ކޭޝް އޭޖެންޓް ހިދުމަތްވެސް ބޭނުން ކުރެވޭނެ. ކަސްޓަމަރުގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް ފައިސާ ނެގުމާއި، ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތްވެސް ލިބިގެންދާނެ. ބޭންކިން ހިދުމަތް ހޯދުމަށް ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދޭނެ." ޓިމް ވިދާޅުވި އެވެ.
ކޭޝް އޭޖެންޓުންނާއި ގުޅޭ އިތުރު މައުލޫމާތު މިލިންކުންލިބޭނެ އެވެ.
މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. މިއަދާ ހަމަޔަށް 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް ބީއެމްއެލްއިން ދަނީ ފޯރޮކޮށްދެމުންނެވެ.
މިހާތަނަށް ގާއިމްކޮށްފައިވާ ޑިޕޮަސިޓް ހިދުމަތް ފޯރުކޮށްދޭ 40 ރީޓެއިލް ފިހާރަ މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.