ދިއްލީ (ޖުލައި 21): އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއިން 10 ޕަސެންޓު މުވައްޒަފުން ވަޒީފާއިން ވަކި ކުރާނެކަން އިއުލާންކޮށްފި އެވެ.

އިންޑިގޯގެ ސީއީއޯ ރޮންޖޯއި ދައްތާ ވިދާޅުވި ގޮތުގައި މިހާރު އިގުތިސާދީ ހާލަތު އޮތް ގޮތުން، އެ އެއާލައިނަށް ކުރިއަށް ދެވެން އޮތީ ބައެއް ގުރުބާނީތައް ވެގެންނެވެ.

"މި އިގުތިސާދީ ތޫފާން ތެރޭ ބައެއް ގުރުބާނީތައް ވުމަކާ ނުލައި އަޅުގަނޑުމެންގެ ވިޔަފާރި ކުރިއަށްގެންދެވޭކަށް ނެތް،" އިންޑިގޯގެ އިންވެސްޓަރުންނަށް ދައްތާ ފޮނުވި ސިޓީގައިވެ އެވެ.

އިންޑިގޯގެ 10 ޕަސެންޓު މުވައްޒަފުން ކަނޑާލަން ހަމަޖެހިފައިވާ އިރު އެ އެއާލައިނުގައި 24،000 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާ ކަމަށް ރެކޯޑުތަކުން ދައްކަ އެވެ. އެެހެންކަމުން އެ އެއާލައިނުން 2،400 ވަރަކަށް މީހުން ވަޒީފާއިން ކަނޑާލުން އެކަށީގެންވެ އެވެ.

އިންޑިގޯއިން އެ އިއުލާން ކުރީ އެ ކުންފުނީގެ ހަރަދުތަކުން 40 ބިލިއަން ރުޕީސް (533 މިލިއަން ޑޮލަރު) ކަނޑާނެކަން މިދިޔަ މަހު ހާމަ ކުރި ފަހުންނެވެ.

އިންޑިއާއިން ކޮރޯނާވައިރަހާ ގުޅިގެން މިދިޔަ މާޗް މަހު ވައިގެ ދަތުރުތައް މަޑުޖައްސާލާފައި ބޭއްވުމަށް ފަހު މިދިޔަ މެއި މަހު ވަނީ އެތެރޭގެ ދަތުރުތައް ފަށާފަ އެވެ. އަދި ފްރާންސާއި އެމެރިކާ އާއި ޖަރުމަނުގެ ފްލައިޓުތަކަށް އިންޑިއާއަށް ދެވޭ ގޮތަށް އެގައުމުތަކާ އެކު 'އެޔާ ބަބުލް' އެއްބަސްވުންތައް މިހާރު ވަނީ ހަދާފަ އެވެ.

ދުނިޔޭގައި މި އަހަރު ކޮވިޑް-19 ބަލިމަޑުކަން ފެތުރުމުން، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ގިނަ ގައުމުތަކުން ދަތުރުފަތުރު ހުއްޓުވުމާ ގުޅިގެން އެއާލައިންތަކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އެގޮތުން އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓު އެސޯސިއޭޝަން (އަޔާޓާ)އިން ލަފާ ކުރާ ގޮތުގައި މި އަހަރު އެއާލައިންތަކަށް 84 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ އެވެ.