ވޮޝިންގޓަން (ޖަނަވަރީ 5): އެމެރިކާގެ ކަނޑުގެ ބާރުތައް ދުނިޔޭގެ މާކަނޑުތަކުގައި ހިންގަމުން ގެންދާ ބާރާއި ނުފޫޒު ހީނަރުކޮށްލެވޭވަރުގެ ގަދަފަދަ މިސައިލެއް ޗައިނާ އިން އުފައްދައިފި ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ވޯލްސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.

ހުޅަނގުގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ ވޯލްސްޓްރީޓް ޖާނަލް ބުނިގޮތުގައި ޗައިނާ އަލަށް އުފެއްދި ބެލަސްޓިކް މިސައިލަކީ އެއާކްރާފްޓް ކެރިއާ ހަލާކުކޮށްލުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ ބާރުގަދަ މިސައިލެކެވެ. އެ މިސައިލަށް ހުރަސްއެޅުމުގެ ޤާބިލްކަން އެމެރިކާއަށް ލިބިފައިނުވާ ކަމަށް ވެސް ހުޅަނގުގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ އެނޫސް ބުނެ އެވެ.

މިބާވަތުގެ މިސައިލްތަކުގައި، އެމެރިކާގެ ކަނޑުގެ ބާރުތަކުގެ މައިބަދަ ކަމަށްވާ މަތިންދާބޯޓު އުފުލާ މަނަވަރުތައް ހަލާކުކޮށް އޭގެފަޅުވެރިން މަރާލުމުގެ ކުޅަދާނަކަން ހުރި ކަމަށް ހުޅަނގުގެ ޖާސޫސީ ފަރާތްތަކުން ދެކޭ ނަމަވެސް މިކަމާބެހޭ އެއްވެސް މަޢުލޫމާތެއް ޗައިނާއިން އަދި ހާމަކޮށްފައިނުވާ ކަމަށް ވޯލްސްޓްރީޓް ޖާނަލް ބުނެއެވެ.

އެމެރިކާގެ ކަނޑުގެ ބާރުތައް ދުނިޔޭގެ މާކަނޑުތަކުގައި ބާރާއި ނުފޫޒު ހިންގަމުން ގެންދާތާ މިހާރުވަނީ ބައިޤަރުނު ވެފައެވެ. އެމެރިކާ މިހާރު ގެންދަނީ ޔޫއެސްއެސް ޖެރަލްޑްފޯޑްގެ ނަމުގައި މަތިިންދާބޯޓު އުފުލާ އިތުރު މަނަވަރެއް 2015 ވަނަ އަހަރު ޚިދުމަތަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޗައިނާގެ މިސައިލް އީޖާދުގެ ސަބަބުން ޔޫއެސްއެސް ޖެރަލްޑްފޯޑްގެ މުސްތަގުބަލް ބަނަވެފައިވާ ކަމަށް މިނޫސް ބުނެ އެވެ.

ޗައިނާވަނީ 2006 ވަނަ އަހަރުވެސް އާވައްތަރެއްގެ ބެލަސްޓިކް މިސައިލެއް ތަޖުރިބާކޮށްގެން އެމެރިކާ ސިއްސުވާލާފަ އެވެ.